27 May 2015, 12:46
ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރަށް ޖަލަށް ލާފައި ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަންދެން ކޮމަންވެލްތު އޮފް ނޭޝަންސް އިން ރާއްޖެ ސަސްޕެންޑް ކުރަން ޖެހޭ ކަމަށް ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރަކު ގޮވާލައްވައިފި އެވެ.
ޔޫރަޕިއަން ޕާލަމެންޓްގައި އިނގިރޭސިވިލާތުގެ ލަންޑަން ތަމްސީލުކުރައްވާ އަދި އެ ޕާލަމެންޓްގެ ފޮރިން އެފެއާޒް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޗާލްސް ޓެނޮކް މިހެން ވިދާޅުވީ ޚިޔާލުތައް ޝާއިއު ކުރާ މަޝްހޫރު ވެބްސައިޓެއް ކަމަށްވާ ޕްރޮޖެކްޓް ސިންޑިކޭޓް އަށް ލިއުއްވި ލިއުއްވުމެއްގައެވެ.
އާދީއްތަ ދުވަހު ޝާއިއުކޮށްފައިވާ އެލިއުމުގައި އޭނާ ވިދާޅުވެފައި ވަނީ ޑިމޮކްރަސީގެ މަގަށް ރާއްޖެ އަނބުރައި ގެންދިއުމަށް ދުނިޔޭގެ ގައުމުތަކުން ރާއްޖެއަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.
"... ޑިމޮކްރަސީގެ މަގަށް ދިވެހި ރާއްޖެ އަނބުރައި ގެނައުމަށް ދުނިޔޭގެ ގައުމުތަކުން ދިވެހިރާއްޖެއަށް ސަމާލުކަން ދޭން ޖެހެއެވެ. ނަޝީދު މިނިވަންކޮށް، އޭނާއަށް މައާފު ދެންދެން ކޮމަންވެލްތު އޮފް ނޭޝަންސް އިން ރާއްޖެ ސަސްޕެންޑް ކުރަން ޖެހެއެވެ،" ޗާލްސް ޓެނޮކް ލިއުއްވާފައި ވެއެވެ.
އިތުރަށް އެޅިދާނެ ފިޔަވަޅުތަކުގެ ގޮތުގައި އޭނާ ފާހަގަކުރައްވާފައި ވަނީ ޓްރެވެލް ވޯނިންތައް ނެރުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ބިރު ދެއްކުމެވެ.
އޭނާ ތުހުމަތު ކުރައްވާފައިވާ ގޮތުގައި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ބޭނުން ކުރަމުން ދަނީ ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް) ގެ ނުފޫޒު ގަދަ ކުރުމަށެވެ.