27 May 2015, 11:18
މައިލޯ ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)ގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ކުރި ހޯދައިފި އެވެ.
ކުޅިވަރު އެކުވެނީގެ ޓާފް ދަނޑުގައި ކުޅުނު މެޗްގައި ނިއުއަށް ކުޅޭ އިންޑިއާ ގައުމީ ޓީމްގެ ކެޕްޓަން ނޮގަންގަމް ބަލަދޭވި ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ.
ނިއުއަށް ފުރަތަމަ ލަނޑު ޖަހައިދިނީވެސް ނޮގޮންގަމްއެވެ. އޭނާ އެލަނޑު ކާމިޔާބު ކުރީ ފުރަތަމަ ހާފްގެ 18 ވަނަ މިނެޓްގައެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ޑީއެސްސީ ބަނގުލަދޭޝްގެ ގައުމީ ޓީމްގެ ފޯވަޑް ޝަބީނާ ކާތުން ވަނީ ޑީއެސްސީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މިލަނޑު ކާމިޔާބު ކުރީތާ މިނެޓެއް ނުވަނީސް ނިއުގެ އިންޑިއާ މިޑްފީލްޑަރު އޮއިނަމް ބެމްބެމް ޑޭވީ ވަނީ ނިއުއަށް އަލުން ލިޑް ނަގައިދީފައެވެ.
ނިއުގެ ހަތަރު ވަނަ ލަނޑު ނޮގަންގަމް ކާމިޔާބު ކުރީ ދެވަނަ ހާފްގެ 16 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިލަނޑު ކާމިޔާބު ކުރިތާ ހަތަރު މިނެޓްފަހުން ނޮގަންގަމް ވަނީ ދެ ވަނަ ހާފުގެ 21 ވަނަ މިނެޓްގައި ނިއުގެ ފަސް ވަނަ ލަނޑު އަދި މެޗްގައި އޭނާ ކާމިޔާބު ކުރި ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ.
ދެ ވަނަ ހާފުގެ 30 ވަނަ މިނެޓްގައި ނިއުގެ އާމިނަތު ޒާހިޔާ ވަނީ ނިއުގެ ހަ ވަނަ ލަނޑު ޖަހާފައެވެ.
މިމުބާރާތުގެ ކުޅުން ދެން އޮންނާނީ މާދަމާއެވެ. މަދަމާ ހަވީރު ކުޅޭ ފުރަތަމަ މެޗްގައި ބައްދަލު ކުަރާނީ ސަން ޓީިމައި ޑީއެސްސީއެވެ.
އަދި ރޭގަނޑު އޮންނަ މެޗްގައި ބައްދަލު ކުރާނީ ނިއުރޭޑިއަންޓާއި ލާމް އަޮތޮޅަށް ނިސްބަތްވާ ސްޓާއެވެ.