އިމްޕޯޓް ޑިއުޓީގެ ގާނޫނަށް ގެނައި ބަދަލާ އެކު ލަގްޒަރީ އުޅަނދުފަހަރުގެ ޑިއުޓީ ނުނަގަން ނިންމުމުން 7.8 މިލިއަން ރުފިޔާ މާފްކޮށްދީ ހަތަރު އުޅަނދެއް ރާއްޖެ އެތެރެކޮށްފި އެވެ.

މީގެ ކުރިން 25 ޕަސެންޓް ޑިއުޓީ ނަގަމުން އައި، ފަތުރުވެރިކަމުގެ ބޭނުމަށް ގެންނަ، ކަނޑުގައި ދުއްވާ ލަގްޒަރީ އުޅަނދުފަހަރުން ޑިއުޓީ ނުނެގުމަށް އޭޕްރީލްގެ މަހުން ފެށިގެން ވަނީ ނިންމައިފަ އެވެ. ކަސްޓަމްސް އިން މައުލޫމާތުދޭ ގޮތުގައި އޭގެ ފަހުން އެތެރެކޮށްފައި ވަނީ އެފަދަ ހަތަރު އުޅަނދެވެ. އެ އުޅަނދުތަކަށް ކުރީގެ ރޭޓުން ބަލާ ނަމަ 7.8 މިލިއަން ރުފިޔާ ޑިއުޓީއަށް އަރަ އެވެ.

ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު މިއަދު "ސަން"އަށް ވިދާޅުވީ މިހާތަނަށް އެތެރެ ކުރި ހަތަރު އުޅަނދަކީ 31 މިލިއަން ރުފިޔާގެ ލަގްޒަރީ އުޅަނދު ފަހަރު ކަމަށެވެ. އެއީ ޓޫރިޒަމް ބޭނުމަށް ގެނެސްފައިވާ ހަތަރު އުޅަނދު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ޓޫރިޒަމް ބޭނުމަށް ކަމަށް މިނިސްޓްރީ އިން ވެސް ވިދާޅުވެފައިވާ އުޅަނދުތައް، އޭގައި ދެން ހުންނާނެ ވަކި ޝަރުތުތަކެއް އަޅުގަނޑުމެން ކަނޑައަޅާފައި ވެސް، ކަސްޓަމްގެ ޓީމަކުން ގޮސް ބަލާފައި އެގޮތަށް ދޫކުރެވިފައި ވަނީ." ނިޔާޒު ވިދާޅުވި އެވެ.

އިމްޕޯޓް ގާނޫނަށް ފަހުން ގެނައި ބަދަލާ އެކު ދެ ބާވަތަކުން ޑިއުޓީ މާފުކޮށް 10 ބާވަތަކުން ޑިއުޓީ ވަނީ ބޮޑުކޮށްފަ އެވެ.