އިނގިރޭސި ޕްރިމިއަ ލީގުގެ ލިވަޕޫލަށް ކުޅެމުން އަންނަ ދެ ޑިފެންޑަރުން ކަމަށްވާ ކޯލޯ ޓޫރޭއާއި އެންޑްރޭ ވިސްޑޮމް، އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކޮށްފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ވިސްޑޮމް ދިގު މުއްދަތަކަށް ލިވަޕޫލާއެކު އެއްބަސްވުން އާކޮށްފައިވާ އިރު، ޓޫރޭ ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް އެއްބަސްވުން އާކޮށްފަ އެވެ.

ލިވަޕޫލްގެ ވެބްސައިޓްގައިވާ ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ "ކޯލޯ ޓޫރޭގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކޮށްފައިވާކަން މި ކްލަބުން އުފަލާ އެކު އިއުލާނުކުރަން،" ކަމަށެވެ.

މިސީޒަންގައި ވެސްޓްބްރޮމްއަށް ކުޅެމުންއަައި ލިވަޕޫލްގެ ޑިފެންޑަރު އެންޑްރޭ ވިސްޑޮމް ވަނީ ދިގު މުއްދަތަކަށް ލިވަޕޫލް ކޮންޓްރެކްޓް އާކޮސްފައި -- ފޮޓޯ: ޕީއޭ ސްޕޯޓްސް

އާސެނަލްއާއި މެންޗެސްޓާ ސިޓީއަށް ވެސް ކުރިން ކުޅެފައިވާ މިހާރު އުމުރުން 34 އަހަރުގެ ޑިފެންޑަރު ޓޫރޭ ވަނީ މިސީޒަންގައި ލިވަޕޫލް ކުޅުނު އެކި މުބާރާތްތަކުގައި ޖުމުލަ 21 މެޗު ކުޅެފަ އެވެ. އަދި 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ލިވަޕޫލާ ގުޅުނު ވިސްޑޮމް ވަނީ، އޭނާ އެ ކްލަބާ ގުޅުނުފަހުން ލިވަޕޫލުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ޖުމުލަ 22 މެޗު ކުޅެފަ އެވެ.

ލޯނު އުސޫލުން ވެސްޓްބްރޮމަށް މިސީޒަންގައި ކުޅެމުން އަންނަ ވިސްޑޮމް ވަނީ، އެ ކްލަބަށް 24 މެޗު ކުޅެދީފަ އެވެ.