27 May 2015, 10:25
ފުލުހުންގެ ބަންދުގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމުރާން އަބްދުﷲ ހުރުމުން އެބޭފުޅާ ހިމަނުއްވައިގެން މަޝްވަރާ ކުރެވެން ނެތް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން އިބުރާހިމް މުއާޒު އަލީ މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އަދާލަތު ޕާޓީން ސަރުކާރާ އެކު މަޝްވަރާ ކުރެއްވުމަށް އަދާލަތު ޕާޓީން ހުށަހަޅުއްވާފައިވާ ނަންފުޅުތަކުގެ ތެރޭގައި ފުލުހުންގެ ބަންދުގައިވާ ފަރާތެއް ހިމަނުއްވާފައި ވާތީ މަޝްވަރާގެ ފުރުސަތު ދެވެން ނެތް ކަމަށެވެ.
ރާއްޖޭގެ ހަމަޖެހުމަށާއި ރައްޔިތުންގެ ފައިދާއަށް ޓަކައި ސަރުކާރާ އެކު މަޝްވަރާ ކުރުމަށް އިދިކޮޅު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލްތިމާސް ކުރެއްވުމުން އަދާލަތު ޕާޓީން ވަނީ އެކަމަށް އިޖާބަދެއްވާފައި އެވެ. އެގޮތުން އަދާލަތު ޕާޓީން ބުނެފައި ވަނީ ސަރުކާރާ އެކު މަޝްވަރާ ކުރެއްވުމަށް ބޭނުން ވަނީ އެޕާޓީގެ ރައީސް ޝެއިހު އިމުރާން ބައިވެރި ކުރުވައިގެން ކަމަށެވެ.
އިމްރާންގެ އިތުރުން މަޝްވަރާތަކުގައި އަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވާ ބޭފުޅުންނަކީ އެ ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސައިނާއި ސެކްރެޓަރީ ޖެނެރަލް މުހައްމަދު އިޔާދު ހަމީދާއި އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުހައްމަދު ދީދީ އާއި ދިރާސާކުރުމާ ބެހޭ ކޮމެޓީގެ ރައީސާ ޝިދާތާ ޝަރީފު އެވެ.
އިމްރާނާ އެކު މަޝްވަރާ ކުރެވެން ނެތް ކަމަށް ސަރުކާރުން ބުނެފައިވާ އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމަނައިގެން ސަރުކާރާ އެކު މަޝްވަރާކުރުމަށް އެމްޑީޕީ އިން ހުށަހެޅި ނަމަވެސް އެކަމުގައި ރައީސް ނަޝީދު ބައިވެރި ކުރެވެން ނެތް ކަމަށް މިދިޔަ ހޯމަ ދުވަހު ސަރުކާރުން ވަނީ ބުނެފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މީގެކުރިން ވިދާޅުވެފައި ވަނީ އިދިކޮޅު ތިން ޕާޓީން ހުށަހަޅުއްވާފައިވާ ފަރާތްތަކަށް ގާނޫނީ ގޮތުންނާއި ސިއްހީ ގޮތުންނާއި ޖިސްމާނީގެ އިތުރުން އިދާރީ އެއްވެސް ހުރަހެއް ނެތް ނަމަ މަޝްވަރާއިގެން ސަރުކާރުން ކުރިއަށް ދާނެ ކަމަށެވެ.
މުއާޒު ވިދާޅުވީ ގާނޫނީ އެއްވެސް ހުރަހެއް ނެތް ފަރާތްތަކާ އެކު މަޝްވަރާއިގެން ކުރިއަށް ސަރުކާރުން ދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މަޝްވަރާގައި ބައިވެރިކުރައްވާނެ އިތުރު ނަންފުޅެއް ފޮނުއްވުމަކީ އެމްޑީޕީގެ ކަމެއް ކަމަށެވެ.
ސަރުކާރާ އެކު މަޝްވަރާ ކުރެއްވުމަށް ޖުމްހޫރީ ޕާޓީން (ޖޭޕީ) ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި ނައިބު ލީޑަރު އަދި ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އާއި މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދެވެ.