(ޣައްޒާ. އޭޕީ) އިސްރާއީލު ސިފައިން މިއަދު ހެނދުނު ޣައްޒާއަށް ވައިގެ ހަމަލާތަކެއް ދީފި އެވެ.

އިސްރާއީލު ސިފައިންގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ޕީޓާ ލާނާ ބުނީ ޣައްޒާއަށް ދިން ހަމަލާތަކަކީ އެ ރަށުން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކަކަށް ދިން ރައްދެއް ކަމަށެވެ. ރޭ ދިން ކަމަށް ބުނާ އެހަމަލާތަކުގައި އިސްރާއީލުގެ އެއްވެސް މީހަކަށް ކަމެއް ނުވެ އެވެ.

އޭޕީއާ ވާހަކަ ދެއްކި، ނަން ހާމަ ނުކުރާ ހަމާސްގެ އޮފިޝަލަކު ބުނެފައި ވަނީ ޣައްޒާ އިން އިސްރާއީލަށް ރޭ މަދުވެގެން އެއް ރޮކެޓް ފޮނުވައިލި ކަމަށެވެ. އަދި އެހަމަލާ ދިނީ ކޮން ބައެއްކަން ނޭ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެހަމަލާގެ ޒިންމާ ފަލަސްތީނުގެ އެއްވެސް ޖަމާއަތަކުން އަދި ނުއުފުލަ އެވެ.

ފަލަސްތީނުގެ ސަލާމަތީ އޮފިޝަލުން ބުނީ އިސްރާއީލުގެ ވައިގެ ހަމަލާތައް އަމާޒުވެފައި ވަނީ ހަނގުރާމަވެރި ޖަމާއަތެއްގެ ތަމްރީނު ކޭމްޕަކަށް ކަމަށެވެ.

އިސްރާއީލުން މިއަދު ދިން ވައިގެ ހަމަލާތަކަކީ މިދިޔަ އަހަރުގެ ޖުލައިމަހާއި އޮގަސްޓް މަހު ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އެގައުމުން ކުރި ހަނގުރާމަ ހުއްޓައިލި ފަހުން ދިން މިފަދަ ފުރަތަމަ ހަމަލާތަކެވެ.