ހދ. ކުޅުދުއްފުށީ ބަހާދަރު ބޯޓުން ވިހެއުމަށް މާލެ އައި އަންހެނަކު ކަނޑުމައްޗަށް ވިހައިފި އެވެ.

އެ ބޯޓުގައި އެ ވަގުތު ހުރި މީހަކު ސަން އަށް މައުލޫމާތު ދިން ގޮތުގައި ރޭ ފަތިހު 5:00 އެހާކަންހާ އިރު އެ އަންހެން މީހާ ވިހާފައި ވަނީ ބޯޓުމަތީގަ އެވެ. އޭނާ އަށް އެހީތެރިވީ އެ ވަގުތު ދޯނީގައި ތިބި މީހުން ކަމަށް އޭނާ ބުންޏެވެ. އެވަގުތު އެބޯޓް ދަތުރުކުރަމުން ދިޔައީ ކުޑަބަނޑޮސް ކައިރިން މާލެއާ ދިމާލަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ބޯޓްމައްޗަށް ވިހާފައިވަނީ ށ.ފޭދޫ، 37 އަހަރުގެ ޝާއިރާ އިބްރާހިމް އެވެ. އެދެމައިންގެ ހާލު ރަނގަޅު ކަމަށް އެބޯޓްގައި އެވަގުތު ތިބި މީހުން ބުންޏެވެ.

އެ ބޯޓުން ވާހަކަ ދެއްކި މީހާ ބުނީ އެ އަންހެން މީހާ ވިހެއިތާ މާގިނައިރެއް ނުވެ ސިފައިންގެ ހާބަރު ޕެޓްރޯލް ލޯންޗެއް އެ ސަރަހައްދަށް އައިސް އަންހެން މީހާ އާއި ދަރިފުޅު ލޯންޗަށް އަރުވައިގެން މާލެ ގެނެސްފައިވާ ކަމަށެވެ.

"ސިފައިންގެ ލޯންޗު އައީ ޑޮކްޓަރަކާއި ދެ ނަރުހުން ގޮވައިގެން، އައިސް އަންހެން މީހާ އާއި ދަރިފުޅު ލޯންޗަށް އަރުވައިގެން ގޮވައިގެން ދިޔައީ." އެބޯޓްގައި ހުރި މީހާ ސަން އަށް ބުންޏެވެ.

އެމްއެންޑިއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިފައިންގެ އެހީތެރިކަމާ އެކު އެ އަންހެން މީހާ އާއި ކުޑަ ދަރިފުޅަށް މިހާރު ދަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ކަމަށާއި ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.