27 May 2015, 10:00
ރޯދަ މަހަށް އިސްލާމީ މަރުކަޒުގައި ތަރާވީހު ނަމާދު ކުރާނެ އިމާމަކު ހޯދުމަށް އިއުލާނު ކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ ހަފުތާގެ އާދީއްތަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް އިމާމުވެ ތަރާވީހް ނަމާދު ކުރުމަށް އެދި ހުށަހެޅުމަށް އެދޭ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އިމާމުވެ ތަރާވީހު ނަމާދު ކުރާ ފަރާތަކީ ހާފިޒެއް ކަމުގައިވާން ޖެހޭނެ ކަމަށެވެ. އަދި ތަޖުވީދާއި ޤިރާޢަތްތަކުގެ ސަނަދުލިބި، ރީތިކޮށް ކީރިތި ޤުރުއާން ކިޔެވޭ މީހެއްކަމުގައިވުމުގެ އިތުރުން އިސްލާމީ ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އިއުލާނުގައި ބުނެފައި ވަނީ އިސްލާމީ، މަރުކަޒުގައި ހިފުޒުކޮށް ތަރާވީހު ނަމާދު ކުރާ އިމާމުންނާއި އޭނާގެ ގާއިމު މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ކޮންމެ ރެޔަކަށް 1000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށެވެ.
އެކަމަށް ޝައުގުވެރިލައްވާ ފަރާތްތަކުން ހާފިޒުކަމުގެ ސަނަދުގެ ކޮޕީއާ ތަޖުވީދާއި ޤިރާއަތުގެ ސަނަދު ކޮޕީއާ ޤުރުއާނުގެ ޢިލްމަށް ޚިދުމަތްކުރުމުގައި ޢަމަލީގޮތުން މަސައްކަތްތައް ކޮށްފައިވާކަމުގެ ލިޔުންތަކުގެ އިތުރުން ވޭތުވެދިޔަ އަހަރު ތަރާވީޙް ނަމާދު އަމަލީގޮތުން ކުރައްވާފައިވާ ކަމުގެ ރެކޯޑިން ހުށަހަޅަންޖެހެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެކަމަށް އެދި އެއްފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލައްވާފައިވާނަމަ، މިކަމަށް ޝޯޓް ލިސްޓްކުރެވޭ ފަރާތްތަކުގެ މެދުގައި ޤުރުއާން ކިޔެވުމުގެ ޓެސްޓެއް ކުރެވޭނެ ކަމަށެވެ.