ހިޔުސްޓަން (މޭ 27): އެމެރިކާގެ ޓެކްސަސް އާއި އޮކްލަހޯމާއަށް ބާރުގަދަ ވަޔާއި އެކު ކުރަމުން ގެންދާ ވިއްސާރައިގެ ސަބަބުން 10 މީހުން މަރުވެ އެތަށްބަޔަކު ޒަޚަމްވެ އެދެ ސްޓޭޓްގެ ބޮޑުބައެއްގައި ފެންބޮޑުވެއްޖެ އެވެ.

ޓެކްސަސްގެ ހިޔުސްޓަން އިން ލިބޭ ޚަބަރުތައް ބުނާގޮތުން އެރަށުގެ ހުރިހާ ހިސާބުތަކެއްގައިވެސްވަނީ ފެންބޮޑުވެ މަގުތައް ކޯރުތަކަކަށް ބަދަލުވެފައެވެ.

އެމެރިކާގައި ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ ހިޔުސްޓަންގެ މޭޔަރު އަނީސް ޕާކަރ ވިދާޅުވީ، އެރަށަކީ ޙާލުގައި ޖެހިފައިވާ ސަރަހައްދެއްކަމަށް އިޢުލާން ކޮށްދެއްވުމަށް ޓެކްސަސްގެ ގަވަރުނަރުގެ އަރިހުން އެދިވަޑައިގެންފައިވާނެ ކަމުގައެވެ.

ހިޔުސްޓަން ޙާލުގައި ޖެހިފައިވަނީ އެރަށުގެ މަގުތައް ކޯރުތަކަކަށް ބަދަލުވެ އެރަށުގެ ގެތަކަށް ފެންވަދެ ބައެއް ގެތަކުގައި ދިރިނޫޅޭވޭ ހިސާބަށް ހާލަތު ގޮސްފައިވާތީ ކަމަށާއި އަދި އެރަށްވަނީ ފެނުގެ އަޑީގައި ކަމަށްވެސް އަނީސް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ޓެކްސަސްގެ ގަވަރުނަރު ގްރޭގް އަބުޓް އާ ފޯނުން ގުޅުއްވައި އެ ސްޓޭޓްގެ ޙާލަތު އޮޅުންފިލުއްވާފައެވެ. އަބުޓް ވިދާޅުވީ، ޓެކްސަސްގައި ފެންބޮޑުވެފައިވާ ސިޓީތަކާއި ސަރަހައްދުތަކުގެ މަގުތަކުން ފެންހިއްކުމަށާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި އެ ސްޓޭޓްގެ ނެޝަނަލް ގާޑުންގެ ލަޝްކަރުތައް ނުކުތުމުގެ އަމުރު ކުރައްވާފައިވާނެ ކަމުގައެވެ. އަދި ގެއްލުންވެފައިވާ މިންވަރު ބެއްލެވުމަށްފަހު ހާލުގައި ޖެހިފައިވާ ސަރަހައްދުތަކުގެ ގޮތުގައި ބައެއް ސަރަހައްދުތަކުގެ ނަންތައް އިޢުލާން ކުރައްވާނެ ކަމަށްވެސް އަބުޓް ވިދާޅުވިއެވެ.

އެމެރިކާގެ މައި ސަރުކާރުގެ އެހީ ލިބުމަށް މަގުފަހިވެގެންދާނީ ހާލުގައި ޖެހިފައިވާ ސަރަހައްދުތަކުގެ ގޮތުގައި އެ ސަރަހައްދުތައް އިޢުލާން ކުރުމުންނެވެ. (ހިޔުސްޓަން)