27 May 2015, 09:26
ފ. ފީއަލީ ކަންނެލި ދޯންޏެއް މަސްވެރިކަމުގައި އުޅެނިކޮށް މިޔަރެއް ދޯންޏަށް އަރައި މީހަކަށް ހަމަލާދީފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ފ. ފީއަލީ، ފަހިރޯދި ނަމަކަށް ކިޔާ 85 ފޫޓުގެ ކަންނެލި ދޯންނި ރޭ ފ. އަތޮޅު ޖިންނަތު ގާ ކައިރީގައި ދިއްލައިގެން އެންހިފަން ތިއްބައި، ލައިޓާ ދިމާލުން އެ ދޯންޏަށް މިޔަރެއް ފުންމައިގެން އަރައި ދޯނީގެ ފަޅުވެރިއެއްގެ ފަލަމަސްގަނޑުގައި ވަނީ ދަތް އަޅައިފަ އެވެ. އެއީ ގާތްގަނޑަކަށް ފަތިހު 3:00 އެހާކަން ހާއިރު އެވެ.
"ލައިޓާ ދިމާލުން މިޔަރެއް މިއަރަނީ ފުންމައިގެން ދޯންޏަށް. ރިންމަސް ވަތަށް ގެންދަން ހުރި މުހައިމިން ކިޔާ ކުއްޖެއްގެ ކަންކަށިމަތީ މިޔަރުގެ ނަގުލުން މިޖެހެނީ. ދެން އޭނަ ވެއްޓުނީ ޑެކްމައްޗަށް. ވެއްޓުމާ އެކު މިޔަރު ހިފަނީ އޭނާގެ ފަލަމަސްގަނޑުގައި." ފީއަލީ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް ވިދާޅުވި އެވެ.

މުހައިމިންގެ އިތުރުން އޭނާ ސަލާމަތް ކުރަން އުޅުނު ދެ މިހަކަށް ވެސް ކުދިކުދި އަނިޔާތައް ވަނީ ލިބިފަ އެވެ.
އެ ހަމަލާއަށް ފަހު ފަސް ފޫޓް ހުރި އެ މިޔަރު މޫދަށް ފުންމާލައިގެން ގޮސްފައިވާ ކަމަށް ވެސް ޖަލީލް ވިދާޅުވި އެވެ.
އެހާދިސާގައި ގެއްލުން ލިބުނު މީހާ އަށް މިހާރު ފީއަލީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ އިރު އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ޖަލީލް ވިދާޅުވި އެވެ.