27 May 2015, 09:22
ނިއުދިއްލީ (މޭ 27) : އިންޑިޔާގެ އުތުރުގެ ސްޓޭޓްތަކަށް ކުރިމަތިވެފައިވާ އާދަޔާ ޚިލާފު ހޫނު ކަމުގެ ސަބަބުން ހީޓް ސްޓްރޯކް ޖެހިގެންނާއި އެނޫން ވެސް ސިއްޙީ މައްސަލަތައް ދިމާވެގެން އިތުރު އެތައް ސަތޭކަ ބަޔަކު އަނެއްކާ ވެސް މަރުވެއްޖެ އެވެ.
އިންޑިއާގެ މީޑިޔާ ޚަބަރުދޭ ގޮތުގައި ހޫނު ގަދަވުމުގެ ސަބަބުން ގިނައިން މަރުވަނީ މުސްކުޅި އުމުރުގެ މީހުންނާއި ބަލިމީހުންނާ އަދި ގެދޮރުނެތި މަގުމަތީގައި ދިރިއުޅެމުންދާ ފަގީރުންނެވެ. ހޫނު ގަދަވުމުގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ އަދަދު އަށް ސަތޭކައަށް ވުރެ މަތިކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
އިންޑިއާގެ އުތުރުގެ ސްޓޭޓްތަކަށް ކުރިމަތިވެފައިވާ އާދަޔާ ޚިލާފު ހޫނުކަން އެންމެ ބޮޑަށް ތަހައްމަލް ކުރަމުން ގެންދާ ސްޓޭޓްތަކުގެ ތެރޭގައި ރާޖެސްތާނާއި ޓަލަންގަނާއާއި އަންދްރާ ޕްރަދޭޝް އަދި ދިއްލީ ހިމެނެ އެވެ. މިސްޓޭޓްގެ ތެރެއިން ރާޖެސްތާނާއި ޓަލަންގަނާއާއި އަންދްރާ ޕްރަދޭޝްގައި ފިނި ހޫނުމިން ފާއިތުވި ހަފްތާއެއްހާ ދުވަސްތަކުގައި 50 ޑިގްރީ ސެލްސިޔަސް އަށް މައްޗަށް ގޮސްފައިވާ އިރު ދިއްލީގައިވެސް 47 ޑިގްރީ ސެލެސިޔަސްއަށް ފިނި ހޫނުމިން ގޮސްފައިވެ އެވެ.
ހޫނު ގަދަވުމުގެ ސަބަބުން ބަލިވެގެން އެތަށް ހާސްބަޔަކު ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައިވާ އިރު އޭ ގެތެރެއިން ބައެއް މީހުންގެ ޙާލަތު ވަރަށް ގޯސްކަމަށްވެ އެވެ. ހޫނުގެ އޮއިވަރުތައް އިންޑިއާގެ އުތުރުގެ ސަރަހައްދުތަކުން ފިލައިގެން ދިޔުމަށް އަދިވެސް ހައެއްކަ ދުވަސްވުން އެކަށީގެންވާ ކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ. (ނޫސްއެޖެންސީތައް)