* ކޮލަމްބޯއިން މުޙައްމަދު ސިމާއު -

ރާއްޖޭގެ ވިޔަފާރީގެ މާހައުލާއި ޓޫރިޒާމްގެ ސިނާއަތަށް ސަރުކާރުން ގެނައި ހެޔޮ ބަދަލުތަކުގެ ސަބަބުން ޓޫރިޒަމްގެ ސިނާއަތަށް އިންވެސްޓަރުންގެ އިތުބާރު ލިބިފައިވާ ކަމަށް ސަން ހޮޓެލްސް އެންޑް ރިސޯޓްސްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގައި އިއްޔެ ނިމުނު "ހޮސްޕިޓެލިޓީ އިންވެސްޓްމަންޓް ކޮންފަރެންސް"ގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ވިޔަފާރީގެ މާހައުލުގެ ސަބަބުން ރާއްޖޭގެ އަމިއްލަ ބްރޭންޑުތައް އުފެދި މުޅި ދުނިޔެއަށް ފުޅާވަމުން އަންނަ ކަމަށެވެ.

އަދި ރާޢްޖޭގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ރާއްޖޭގައި ވިޔަފާރި ކުރަމުންދާ ގޮތާއި އިންވެސްޓަރުންނަށް ޔަގީންކަން ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ. އެ ގޮތުން ސިޔާމް ފާހަގަކުރެއްވީ މިދިޔަ އޭޕްރީލް މަހު ފާސްކުރި، ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްތައް 99 އަހަރަށް ކުށްޔަށް ދިނުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހާއި ރިސޯޓް ތަރައްގީ އަށް އެތެރެކުރާ ތަކެއްޗަށް 100 ޕަސެންޓް ޑިއުޓީ މައާފު ކޮށްދިނުމަށް ގެނައި އިސްލާހެވެ.

ކޮލަމްބޯގެ ގޯލް ފޭސް ހޮޓަލުގައި ދެ ދުވަހަށް ކުރިއަށް ދިޔަ އެ ކޮންފަރެންސްގައި ސިޔާމު ވަނީ، ރާއްޖޭގެ ފަތުރުވެރިކަން ދަމަހައްޓައި ކުރިއަށް ގެންދިއުމަށް ދިމާވަމުންދާ ގޮންޖެހުންތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެ ހޯދާފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކުގެ މައްޗަށް ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހޯދާފައިވާ ކުރިއެރުންތަކުގެ ތެރޭގައި ޑޮމެސްޓިކް ނެޓްވޯކްތަކާއި ރީޖަނަލް އެއާޕޯޓްތައް ހުޅުވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ހުރި ގޮންޖެހުންތަކަށް އެކަށީގެންވާ ހައްލެއް ލިބިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ރާއްޖެ އަށް އައުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން އިތުރު ދޮރުތަކެއް ހުޅުވި ދުނިޔޭގެ އެކި ކަންކޮޅުތަކާއި ރާއްޖެ ގުޅާ ލެވިފައިވާ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

"ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ހުރި ގޮންޖެހުންތައް މަދުވުމުގެ ސަބަބުން ކުރިއަށް އޮތް މުސްތަގްބަލުގައި އެކި ކަހަލަ ފަތުރުވެރިންނަށް އެކަށީގެންވާ ފެންވަރުގެ ރިސޯޓްތައް ހުޅުވި ފަތުރުވެރިކަމަށް އޮތް މާކެޓް ފުޅާވެގެންދާނެ،" ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު ސިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގެސްޓްހައުސް ވިޔަފާރިއަކީ ފަތުރުވެރިކަމުގެ މާކެޓް ފުޅާވެގެންދިއުމުގެ ފެށުމެއް ކަމަށެވެ. އަދި ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާވެފައިވާ ކަމަށާއި އެ ބަދަލާ އެކު ރާއްޖެއަކީ މިހާރު ކޮންމެ ފަންތިއެއްގެ ފަތުރުވެރިއަކަށް ވެސް އާދެވޭނެ ތަނަކަށް ވެފައިވާ ކަމަށެވެ.

ޓޫރިޒަމް ދާއިރާގައި ހުރި ގޮންޖެހުންތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ، ރާއްޖޭގެ އާމްދަނީގެ 40 ޕަސެންޓް ހިއްސާކުރާ އަދި އެ ސިނާއަތެއްގެ މައްޗަށް ގައުމުގެ އިގްތިސާދު ބިނާވެފައި ވަނީ ފަތުރުވެރިކަމަށްވީ ނަމަވެސް، އެ ސިނާއަތް އިޝްތިހާރުކޮށް މާކެޓް ކުރުމަށް ސަރުކާރުން ހޭދަކުރާ މިންވަރު ދަށްވަމުންދާ ކަމަށެވެ. އަދި ދުނިޔޭގެ ރޭކިންގައި ރާއްޖޭގެ ނަން ދެމެހެއްޓެމަށް ޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް މާކެޓްކުރުމަށް އިސްކަމެއް ދޭން ޖެހޭ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

"ސަރުކާރުން ފަތުރުވެރިކަމަށް ހޭދަކުރާ މިންވަރު ދަނީ ދަށްވަމުން. ދެ ހާސް ނުވަ ވަނަ އަހަރު ފަތުރުވެރިކަމަށް ހޭދަކުރީ 0.7 ޕަސެންޓް. އެ އަދަދު 2013 ވަނަ އަހަރު ވަނީ 0.2 ޕަސެންޓަށް ދަށްވެފައި. މީހުންނަށް ރާއްޖޭގައި ހުރި އަޖައިބުން ފުރިގެންވާ ކަންތައް ކިޔައިދޭން ޖެހޭ. އެކަން ކުރެވޭނީ ސްޓެޖެޓިކް މާކެޓިން އެއް ކޮށްގެން،" ސިޔާމް ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާ އަށް ހުރި އިތުރު ގޮންޖެހުންތަކެއްގެ ގޮތުގައި ސިނާއަތަށް އެކަށީގެންވާ ދޭސީންނާއި ބިދޭސީން ނުލިބުމުގެ ދަތިކަން ފާހަގަކުރެއްވިއެވެ. އަދި އެއާޕޯޓުގެ ޖާގައިގެ ދަތިކަމާއި ފަތުރުވެރިން ދާންބޭނުންވާ މަންޒިލަށް ދިއުމަށް ހޭދަވާ ވަގުތާއި ޓިކެޓުގެ އަގުތައް މަތިވުމަކީ ވެސް ހުރި ގޮންޖެހުންތަކެއް ކަމަށް ސިޔާމް ފާހަގަކުރެއްވި އެވެ.

ސިޔާމް ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތު ފަށައިގަނެގެން މިހާތަނަށް އައި އިރު ވެސް އެ ސިނާއަތް ބިނާވެފައި އޮތީ ޔޫރަޕުގެ މުއްސަނދިންނާއި އެފަދަ މަދު ބަޔަކަށް ހާއްސަކުރެވިގެން ކަމަށެވެ. ނަމަވެސް މިހާރު އެކަން މަޑުމަޑުން ބަދަލުވެ، ރާއްޖެއަކީ ކޮންމެ ފަންތިއެއްގެ މީހަކަށް ވެސް ޒިޔާރަތްކުރެވޭނެ ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރަހައްދުގެ އެންމެ މަގުބޫލު ޓޫރިސްޓް މަންޒިލް ކަމަށްވާ ރާއްޖެ އާއި ލަންކާގެ އިތުރުން މޮރިޝަސް އަދި ސީޝެލްސް އިން ބައިވެރިވި އެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު، އަހުމަދު އަދީބް ވެސް ވަނީ ބައިވެރިވެވަޑައިގަތް ވާހަކަފުޅުދައްކަވާފަ އެވެ.

މިނިސްޓަރު އަދީބްގެ ވާހަކަފުޅުގައި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެ އަށް 15-10 ބިލިއަން ރުފިޔާގެ ބޮޑު އާމްދަނީއެއް ވަންނަ ވަރުގެ ބިޔަ މަޝްރޫއެއް، އިއުލާންކުރެވޭ ވަރު ވާނެ ކަމަށް ވިދާޅުވި އެވެ.