27 May 2015, 01:12
ފަލަސްތީންގެ ލެޖިސްލޭޓިވް ކައުންސިލް ނުވަތަ ގާނުނޫ ހަދާ މަޖިލިހުގެ ރައީސް ޢަބްދުލް ޢަޒީޒު ދުވައިކް އެއްމަސް ދުވަހަށް ޖަލަށްލައި 1550 ޑޮލަރުން ޖޫރިމަނާ ކުރުމަށް އިސްރާއީލްގެ އަސްކަރީ ކޯޓަކުން ހުކުމް އިއްވައިފިއެވެ.
އިސްރާއީލްގެ ކޯޓުން ދުވައިކްއަށް އެ ހުކުމް އިއްވާފައި ވަނީ ފަލަސްތީނު މިނިވަން ކުރުމަށް ބޭއްވި ހަރަކާތެއްގައި މީގެ ތިން އަހަރު ކުރިން އޭނާ ވަހަކަ ދައްކާފައިވާތީއެވެ.
ފަލަސްތީންގެ އިންސާނީ ހައްގުތަކަށް މަސްކަތް ކުރާ އަހްރާރް ސެންޓަރ ފޯރ ޕްރިސަނާ ސްޓޭޑެންޓްސް އެންޑް ހިޔުމަން ރައިޓްސް އެންޖިއޯއިން ވަނިީއިސްރައީލްގެ ކޯޓުން އެފަދަ ހުކުމެއް އިއްވާފައިވާތީ އެކަން ކުށްވެރިކޮށްފައެވެ.
އެ ޖަމްއިއްޔާގެ ޑިރެކްޓަރު ފުއާދު އަލްކަފާޝް ވިދާޅުވީ ތެލްއަވިވްގައި ހިންގަމުންދާ ސަރުކާރަކުން ފަލަސްތީންގެ ރައްޔިތުންނަށް އެގައުމުގެ ހައްގުގައި މަސައްކަތް ކުރުމަށްވެސް ހުރަސް އަޅަމުންދާކަމަށެވެ.
ކަފާޝް ވިދާޅުވީ 2006 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބުން ހަމާސްއަށް ބޮޑު ކާމިޔާބެއް ލިބުނު ފަހުންވެސް އިސްރާއީލުން ފަލަސްތީންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާކަމަށެވެ.
މިހާރުވެސް އިސްރާއީލް ޖަލުތަކުގައި ފަލަސްތީންގެ ގާނޫނު ހަދާ މަޖިލީހުގެ ހަ މެންބަރަކު އެބަތިއްބެވެ.
މީގެ އިތުރުން އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީންގެ 7000 އަށް ވުރެ ގިނަ މީހުން އިސްރާއީލް ޖަލުތަކުގައި އެބަތިއްބެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.