މި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި ކައުންސިލަރުންނާ މެދު އަޅަމުންދަނީ ޣައިރު ގާނޫނީ ފިޔަވަޅުތައް ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މެޔޭރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހަރުގޭގައި މިރޭ ވާހަކަފުޅުދައްކަވަމުން ޝިފާ ވިދާޅުވީ މޭޑޭ މުޒާހަރާގައި ބައިވެރިވި ކައުންސިލަރުންނާ މެދު އެލްޖީއޭއިން ފިޔަވަޅު އަޅާފައި ވަނީ ޣައިރު ގާނޫނީ މުޒާހަރާއެއްގައި ބައިވެރިވި ކަމަށް ބުނެ ކަމަށާއި އެއީ ޣައިރުގާނޫނީ ފިޔަވަޅުތަކެއް ކަމަށެވެ.

"ޣައިރު ގާނޫނީ ފިޔަވަޅުތައް އަޅަމުން އެލްޖީއޭއިން އެދަނީ. ސަރުކާރު ބަންދު ދުވަހެއްގައި އެބޭފުޅުން [ކައުންސިލަރުން] ވަޑައިގެން އެބޭފުޅުންގެ ސިޔާސީ ޕާޓީން ބޭއްވި ހަރަކާތެއްގައި ބައިވެރިވީމައޭ ކިޔާފައި ހޯމް މިނިސްޓަރު އެތާ އިންނަވައިގެން އެބޭފުޅުން ސަސްޕެންޑް ކުރެއްވީ،" ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ އަލަށް ހޮވިގެން ދިޔަ އެލްޖީއޭގެ ބޯޑު ވެގެންގޮސްފައިވަނީ ސަރުކާރަށް ބާރުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ބޯޑަކަށް ކަމަށާއި އެ އޮތޯރިޓީ ހިންގަމުން ގެންދަނީ ކުރީގެ އެޓޯލްސް މިނިސްޓްރީ ހިންގި ގޮތަށް ކަމަށެވެ.

މޭޑޭ މުޒާހަރާގައި ބައިވެރިވި ހަތް ކައުންސިލަރަކު މުސާރަ ނުލިބޭގޮތަށް ދެ މަސް ދުވަހުގެ މުއްދަތަށް އެލްޖީއޭ އިން ވަނީ ސަސްޕެންޑުކޮށްފައެވެ.