ދައުލަތުގެ އިސްވެރިންތަކެއްގެ ބަރަހަނާ މަންޒަރުތައް ބޭނުންކޮށްގެން އެބޭފުޅުން ބްލެކް މެއިލްކުރުމަށް ބަޔަކު މަސައްކަތްކުރި މައްސަލައާ ގުޅިގެން ހޯދައިފައިވާ ފޮޓޯ އާއި ވީޑިއޯތަކުން ފެންނަ ބަޔެއްގެ މައުލޫމާތާއި އަދި އެއިން އެއްވެސް ފަރާތަކާ ސުވާލުކޮށްފައިވާ ކަމެއް ހާމަކުރެވެން ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ބްލެކްމެއިލްކުރަން މަސައްކަތްކުރުމުގެ ތުހުމަތުގައި 14 މީހަކު ފުލުހުން ހައްޔަރުކޮށްފައިވީ ނަމަވެސް، އެމީހުން އަތުން ފުލުހުން ހޯދައިފައިވާ ފޮޓޯ އާއި ވީޑިއޯތަކުގައި 'ބަރަހަނާވެފައިވާ" ބަޔެއްގެ މައްސަލަ ފުލުހުން ކުރިއަށްގެންދާ ގޮތުގެ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އަދި އެ ބަރަހަނާ މަންޒަރުތަކުން ފެންނަ އެއްވެސް ފަރާތަކާ މިހާތަނަށް ސުވާލު ކޮށްފައިވޭތޯ އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޝިޔާމަށް ދެންނެވުމުން މިއަދު ވިދާޅުވީ، "ވަކި ބަޔަކާ ސުވާލު ކުރި ކަމެއް އެހެން ދެންނެވޭ ކަށް ނެތް" ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ އެކަމާ ގުޅިގެން ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލުކުރަމުން. ވަކި ބަޔަކާ ސުވާލު ކުރި ކަމެއް އެހެން ދެންނެވޭ ކަށް ނެތް. އެކަމަކު އެއީ ވަރަށް ސީރިއަސް މައްސަލަ އަކަށް ވާތީ އެކަމާ ގުޅުން ހުރި ފަރާތްތަކާ މިދަނީ ސުވާލު ކުރަމުން،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، މިހާތަނަށް އެ މައްސަލައާ ގުޅިގެން އައްޑޫ އާއި މާލެއިން ހައްޔަރުކޮށްފައިވާ 14 މީހުންގެ އިތުރަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެހެންކަމުން ބަރަހަނާ މަންޒަރުތަކުން ފެންނަ އެއްވެސް ބަޔަކު، އޮރިޔާންކާޑު ހެދުމާއި ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިނުވާކަން ސާފުވެ އެވެ.

ނަމަވެސް، ބަރަހަނާ މަންޒަރުތަކުގެ މައްސަލައާ ގުޅޭ ގޮތުން ހަވީރު ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމެއް ތައްޔާރުކުރުމަށް އޮރިޔާންކާޑު ބޭނުންކޮށްފައިވާ ކަމަށާއި އެފަދަ އެއްޗެއް ގެންގުޅުމަކީ ފުލުހުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ބުނެ، ދާދި ފަހުން ފުލުހުން ވަނީ ހަވީރުގެ މައްޗަށް ކޯޓު އަމުރެއް ހޯދައިފަ އެވެ.

ސަބް އިންސްޕެކްޓާ ޝިޔާމް ވިދާޅުވި ގޮތުގައި، "ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދަށުން ނޫސްވެރިންނަށް ވެސް ޕޯން )އޮރިޔާން މަންޒަރެއް( ނުބެލޭނެ." އެވެ.

ނަމަވެސް، ބަރަހަނާ މަންޒަރުތަކުން ފެންނަ ކަމަށް ބުނާ ދައުލަތުގެ އިސްވެރިންނާއި މަޖިލިސް މެމްބަރުންގެ އިތުރުން ޖުޑީޝަރީގެ އެއްވެސް ބޭފުޅެއްގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުމުގެ މައްސަލައާ ގުޅިގެން މިހާތަނަށް ކޯޓު އަމުރެއް ހޯދައިފައިވާ ކަމެއް އެނގިފައެއް ނުވެ އެވެ. އަދި ފުލުހުން މިވަނީ އެއިން ބޭފުޅަކާ ސުވާލުކުރި ކަމުގެ މައުލޫމާތު ވެސް ދެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ.

ޤާނޫނުގައިވާ ގޮތުން ރާއްޖެ އަށް ގެނައުމާއި ގެންގުޅުން މަނާ ތަކެތީގެ ތެރޭގައި އޮރިޔާން ކާޑުގެ މާނައިގައި ޖިންސީ ގުނަވަންތައް ދައްކައިދޭ މަންޒަރު ހުރި ފިލްމާއި ޖިންސީ ގުޅުން ސިފަކޮށްދޭ އަޑާއި ވާހަކަ އާއި ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ފިލްމާއި، ފޮޓޯ އާއި އެފަދަ މަންޒަރާއި، އަޑާއި، ވާހަކަ އަޅާފައި ހުންނަ ޑިސްކެޓް، ޓޭޕް ފަދަ ތަކެއްޗާއި ޖިންސީ ގުޅުން ހިންގުމަށްޓަކައި ޖިންސީ ގުނަވަން ސިފަކޮށްދޭ ގޮތަށް ހަދާފައިވާ ތަކެތި ހިމެނެ އެވެ.

މީގެ ދެ މަސް ދުވަސް ކުރިން ފުލުހުންގެ ސަމާލުކަމަށް އައިސްގެން ސީރިއަސްގޮތެއްގައި ބަލަން ފަށާއިފައިވާ ބަރަހަނާ މަންޒަރުތަކުގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ އަތުން އެތައް ސަތޭކަ ދިވެހިންގެ އޮރިޔާން މަންޒަރުތައް ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ބްލެކް މެއިލްގެ މައްސަލަތަކާ ގުޅިގެން ފުލުހުން ވަނީ މިހާތަނަށް ހައްޔަރުކޮށްފައިވާ 14 މީހުންގެ ތެރޭގައި ހިމެނެނީ 26 އަހަރުން ދަށުގެ ޒުވާނުންނެވެ. އޭގެ ތެރޭގައި 17 އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ. އެ މައްސަލައިގައި އައްޑޫން ފުލުހުން ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަޢުލޫމާތު ސާފުކުރުމަށް ފަހު މިހާރު ދޫކޮށްލައިފަ އެވެ. އޭގެ ފަހުން އިތުރު މީހަކު ހައްޔަރުކޮށްފައިނުވާއިރު މިހާރު ހައްޔަރުގައި ތިބި މީހުން ކުރެ އެއްވެސް މީހަކު ދޫކޮށްލައިފައެއް ވެސް ނުވެ އެވެ.