މައިލޯ ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ލ. އަތޮޅަށް ނިސްބަތްވާ ސްޓާގެ މައްޗަށް ސަން ޓީމްވެސް 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައިފިއެވެ.

މިއަދު ހަވީރު ކުޅިވަރު އެކުވެނީގެ ޓާފު ދަނޑުގައި ކުޅުނު މެޗުގައި ސަންޓީމްގެ ޖަރުމަންގެ ކުޅުންތެރިޔާ ލައުރާ ގޮރެޓްސްކާއާއި ޕާކިސްތާންގެ ޝަހްލިޔާ ބޮލޯޗް ވަނީ ހެޓްރިކް ހަދާފައެވެ.

ސަން ޓީމްގެ ފުރަތަމަ ލަނޑު ލައުރާ ކާމިޔާބު ކުރީ މެޗް ފެށިގެން ހަ މިނެޓު ތެރޭގައެވެ.

އޭގެ ހަތަރު މިނެޓް ފަހުން އެޓީމްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މާޔާ ހުސައިން ރުޝްދީއެވެ. އޭނާ ވަނީ ތިން ލަނޑު ޖަހާފައެވެ.

މިއަދުގެ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޓީމްގެ ތިން ވަނަ ލަނޑު އަދި ޝަހްލިޔާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗްގެ 26 ވަނަ މިނެޓްގައެވެ.

ހަތަރު ވަނަ ލަނޑު ފުރަތަމަ ހާފްގެ 30 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ފާތިމަތު ޝައިލާންއެވެ.

ފުރަތަމަ ހާފުގައި ސަންޓީމް ހަތަރު ލަނޑު ޖަހާފައިވާއިރު އަނެއް ހަތަރު ލަނޑު ކާމިޔާބު ކުރީ ދެވަނަ ހާފުގައެވެ. އެގޮތުން ސަން ޓީމްގެ ފަސް ވަނަ ލަނޑު ޝަހުލިޔާ ކާމިޔާބު ކުރީ ދެ ވަނަ ހާފުގެ ހަ ވަނަ މިނެޓްގައެވެ. އަދި އޭނާ ހެޓްރިކް ހެދި ލަނޑު ސަން ޓީމްގެ ހަ ވަނަ ލަނޑު ކާމިޔާބު ކުރި ދެ ވަނަ ހާފުގެ 19 ވަނަ މިނެޓްގައެވެ.

މިއަދުގެ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ލައުރާއެވެ. އެގޮތުން ސަން ޓީމްގެ ހަތް ވަނަ ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފުގެ 24 ވަނަ މިނެޓްގައެވެ.

ލައުރާ ހެޓްރިކް ހެދި ލަނޑު އަދި ސަން ޓީމްގެ އަށް ވަނަ ލަނޑު ކާމިޔާބު ކުރީ ދެވަނަ ހާފުގެ 36 ވަނަ މިނެޓްގައެވެ.

މެޗްގެ މޮޅު ކުޅުންތެރިކަށް ހޮވުނީވެސް ލައުރާއެވެ.