ސިވިލް ސާވިސްގެ މުއައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު ދިނުމުގެ އެއްބަސްވުމެއްގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ޗައިނީސް އެކަޑަމީ އޮފް ގަވަނަންސާއި އެކު ސޮއިކޮށްފިއެވެ.

ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތުގައި މި އެމްއޯޔޫގައި ސީއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު ލަތީފުއެވެ. ޗައިނީސް އެކަޑަމީ އޮފް ގަވަނެންސްގެ ފަރާތުން ސޮއިކުރެއްވީ އެ އެކަޑަމީގެ ނައިބް ރައީސް ޗެން ލީ އެވެ. މި ރަސްމިއްޔާތުގައި ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ބައިވެރިވެވަޑައިގެންނެވިއެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސީއެސްސީ އާއި ޗައިނާގެ އެކަޑަމީ އޮފް ގަވަނަންސާއި ދެމެދު ރަސްމީ ވާހަކަތައް ދެއްކުމަށް ފަހުއެވެ.

އެ އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކުވެސް މަދުވެގެން 30 މުވައްޒަފުން ތަމްރީނު ކުުރުމަށް ޗައިނާ އަށް ފޮނުވާނެ ކަމަށް ސީއެސްސީގެ ސީނިއާ ޕަބްލިކް ރިލޭޝަންސް އޮފިސަރު މުހައްމަދު އަމީން އިބްރާހިމް ވިދާޅުވިއެވެ.

މީގެ އިތުރުން ދުރުން ތައުލީމް ދިނުމަށް ޗައިނާގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

ސީއެސްސީ އާއި ޗައިނާ އެކަޑަމީ އޮފް ގަވަނަންސާއި ދެމެދު ބޭއްވި ރަސްމީ ވާހަކަތަކުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު ނާސިހް

"ސީއެސްސީގެ ޓްރެއިނިން އިންސްޓިއުޓުން ވެސް ވަަރަށް ދަތިވޭ ރާއްޖޭގެ ރަށްތައް މި ހުންނަ ގޮތުން. އެއަށް ހައްލެއް ހޯދުމުގެ ގޮތުން އީ ޕްލެޓްފޯމެއް ގާއިމުކުރަން ވަނީ ވާހަކަދައްކާފައި،" އަމީން ވިދާޅުވިއެވެ.

ރަސްމީ ވާހަކަތަކުގައި ވަނީ ޗައިނާގެ ލެކްޗަރާއިން ރާއްޖެ ވަޑައިގެން ތަގްރީރުކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ތައުލީމާއި ޓްރެއިނިން ރާއްޖޭ އަށް ބޭނުންވާ ތަފާތު ދާއިރާތަކުން އެހީތެރިވުމަށް ވެސް ވަނީ ވާހަކަދެކެވިފައެވެ.

ޗައިނާ އެކަޑަމީ އޮފް ގަވަނެންސް އުފައްދާފާ ވަނީ 1994 ގައެވެ. މި އެކަޑަމީ އިން ދަނީ ގަވަނެންސާއި ޕަބްލިކް ހެލްތާއި ސޯޝަލް ސެކިއުރިޓީ އާއި އެމަޖެންސީ ރެސްޕޯންސް ފަދަ ގިނަ ދާއިރާތަކުން ތަމްރީނު ދެމުންނެެވެ.