މެދު ފަންތީގެ ފަތުރުވެރިން ތަރައްގީ ކުުރުމަށް ލާމު އަތޮޅުގައި ކުރިއަށް ގެންދާ ގެސްޓްހައުސް ޕްރޮޖެކްޓްގައި އެކި ޚިދުމަތްތައް ދިނުމަށް އިތުރު ދެކުންފުންޏަކާ އެކު ސޮއިކޮށްފިއެވެ.

އެ ޕްރޮޖެކްޓުގެ އެކި ޚިދުމަތްތައް ދިނުމަށް މޯލްޑިވިއަން އާއި ހެވީފޯސް ޕްރައިވެޓް ލިމިޓެޑާއެކު މިއަދު ސޮއިކޮށްފައިވާއިރު އެކަމާ ގުޅޭގޮތުން އެމްޑަބްލިއުއެސްސީއާ އެކު ވަނީ މިއަހަރުގެ ޖުލައި މަހުގައި ސޮއިކޮށްފައެވެ.

ކުރިން ތުނބުރި ޕްރޮޖެކްޓްގެ ގޮތުގައި އިއުލާންކުރި މި ޕްރޮޖެކްޓް ތުނބުރީ އާއި އެރަށާއި އެއްފަޅެއްގައި އޮންނަ ހުޅިޔަންދޫގައި ހިންގަން ހަމަޖެހިފާ އޮތްނަމަވެސް މިހާރު ވަނީ މި ޕްރޮޖެކްޓް ލ. ބެރަސްދޫ ކިޔާ ރަށަކަށް ބަދަލުކޮށްފައެވެ.

މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާދު ވިދާޅުވީ އެގޮތަށް ބަދަލުކޮށްފައި ވަނީ ބެރެސްދޫ އަކީ ބޮޑު އަދި ރީތި ރަށަކަށް ވުމުން ކަމަށެވެ.

އެ ރަސްމިއްޔާތުގައި ބެރަސްދޫ އަށް އަގުހެޔޮކޮށް ދަތުރުތައްކޮށްދިނުމުގެ އެގްރިމެންޓްގައި ގައުމީ އެއާލައިން މޯލްޑިވިއަންއާ އެކު ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތެވެ. މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު އަބްދުލް ހާރިސްއެވެ.

މި އެއްބަސްވުމުގެ ދަށުން ފްލައިޓާއި ސީޕްލޭންގައި ވެސް ފަތުރުވެރިން ގެންގޮސްދޭނެ ކަަމަށް ހާރިސް ވިދާޅުވިއެވެ.

ލ. ގެސްޓްހައުސް ޕްރޮޖެކްޓްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒް މޫސާ

"މިހާރު ލ. އަތޮޅަށް މި ބާއްވަނީ ފަސް ފްލައިޓް ދުވާލަކަށް. މި ޕްރޮކެޖްޓާ އެކު މިއަދަދު ޑަބަލްވެގެންދާނެ ކަަމަށް ލަފާކުރެވެނީ،" ހާރިސް ވިދާޅުވިއެވެ.

ބެރަސްދޫ އަށް ކުރާ ދަތުރުތަކަށް ދެކޮޅަށް ޗާޖް ކުރާނީ 150 ޑޮލަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބެރަސްދޫގެ ބަނދަރު ހެދުމުގެ ޕްރޮޮޖެކްޓްގައި ވެސް ވަނީ ސޮއިކޮށްފައެވެ.

އެ ޕްރޮޖެކްޓުގައި ވެސް އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔާތެވެ. އެ މަސައްކަތް ހަވާލުކުރި ހެވީ ފޯސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނައީމެވެ.

އެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައި ވަނީ 19 މިލިއަން ރުފިޔާއަށެވެ.

ލ. ގެސްޓްހައުސް ޕްރޮޖެކްޓްގެ ދަށުން ބެރަސްދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ އެގްރިމެންޓްގައި ސޮއިކުރުމަށް ހަވާލުކުރަނީ-- ސަން ފޮޓޯ: ފަޔާޒް މޫސާ

ބެރަސްދޫގައި ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ހަވާލުކޮށްފައި ވަނީ އެމްޑަބްލިއުއެސްސީއާ އެވެ.

އެމްޑަބަލިއުއެސްސީން ކުރަންޖެހޭ މަސައްކަތްތައް ރަށުގެ ބަނަދަރުނިމުމާއ އެކު ފަށާނެ ކަމަށާއި އަދި އެއް އަހަރުތެރޭ މަސަައްކަތް ނިންމާލެވޭނެ ކަަމަށް އެކުންފުނީގެ މެޖޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވިއެވެ.