އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން މިއަދު ބާތިލް ކޮށްފި އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އަލީ ވަހީދުގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފައި ވަނީ އޭނާ އިތުރު މުއްދަތަކަށް ބަންދުގައި ބަހައްޓަންޖެހޭފަދަ ޒަރޫރަތެއް އޮވެގެން ކަމަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ހުއްޖަތްތަކެއް ނެތި ކަމަށެވެ.

ހައިކޯޓުން މިއަދު އެގޮތަށް ހުކުމްކޮށްފައިވާއިރު މިދިޔަ އާދީއްތަ ދުވަހު ފުލުހުން ވަނީ އޭނާ ބަންދުން ދޫކޮށްލާފައެވެ.

މިމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި، މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް ވާހަކަފުޅުދެއްކެވި ކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

ޕީޖީ އޮފީހުން ބުނީ އެމައްސަލަ އެ އޮފީހުން ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

އަލީ ވަހީދުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފައިވާތީ އެ މައްސަލަ ވެސް ވަނީ އިސްތިއުނާފުކޮށްފައެވެ. އެ މައްސަލައިގެ އަޑުއެހުން މާދަމާ 10:45 އަށް ހައިކޯޓުގައި ވަނީ ތާވަލްކޮށްފައެވެ.