26 May 2015, 15:58
ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ލ. ގަމުގައި އެގްރިކަލްޗާ ސެންޓަރެއް ގާއިމްކޮށް، އެ ސެންޓަރު ހިންގަން އަމިއްލަ ފަރާތަކާ ހަވާލުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެގްރިކަލްޗާ ސެންޓަރު ހިންގަން ހަވާލުކޮށްފައި ވަނީ، އެކަމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އިޖާބަދިން މީހުންގެ ތެރެއިން ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް އެތަން ހިންގަން ހުށަހެޅި ފަރާތަށް ކަމަށެވެ. އެގޮތުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ގ. ގަލޮޅުފެހި، އަބްދުﷲ މުހައްމަދު އަށެވެ.
އެ ސެންޓަކަރީ ސަރުކާރުގެ މެނިފެސްޓޯގެ ވައުދުތައް ހަރުދަނާކަންމަތީ ފުރިހަމަކުރުމުގެ ގޮތުން ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ދަނޑުވެރިކަމުގެ ދާއިރާއަކީ ޒުވާނުން ޝައުގުވެރިވާ ފަދަ ސިނާއީ މަސައްކަތަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް އެކަމުގެ ފައިދާ އާއި ނަފާ އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް ޓަކައި ހަދާފައިވާ ސެންޓަރެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ގަމުގެ ކުރުހިންނަ ސަރަހައްދުން ނަގައިފައިވާ އެ ބިމަކީ އެގްރިކަލްޗާ ސެންޓަރެއް ގާއިމްކުރުމަށް 2009 ވަނަ އަހަރުން ފެށިގެން ނަގާފައިވާ ބިމެއް ކަމަށެވެ. ނަމަވެސް މިހާތަނަށް އެތަން އެދެވޭ ގޮތެއްގައި ތަރައްގީކުރެވި ތަނުގެ ހިދުމަތް ލ. އަތޮޅުގެ ރައްޔިތުންނަށް ލިބެމުން ނުދާ ކަމަށެވެ.
އެ ބިމުގައި ޒަމާނާ އެއްގޮތަށް ދަނޑުބިން އެޅުމާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގަސް ހެއްދުމުގެ އިތުރުން ޓްރެއިނިން ދޭނެ ކްލާސް ރޫމަކާއި ނަމޫނާ ދަނޑުތައް އަދި ރިސާޗް މަސައްކަތްތައް ހިންގޭނެ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.