ރިސޯޓްތަކުގެ ބީޗުތަކެކޭ އެއްފަދައިން ހުޅުމާލޭ ބީޗު ސަރަހައްދުގައި ވެސް ޓޫރިސްޓުން، ރަލުގެ އިސްތިޢުމާލު ކުރަމުންދާ ކަމަށް މުއުތަބަރު ގޮތެއްގައި މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ހައްގުތައް ގެއްލެމުންދާ މައްސަލައަށް ހައްލެއް ހޯދުމަށް ކަމާ ބެހޭ މުއައްސަސާތަކަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުޅުމާލޭގެ ގޮނޑުދޮށަކީ އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި މާލޭގައި ވެސް ދިރިއުޅޭ ބައެއް ރައްޔިތުން، ޢާއިލާއާ އެކު ހިތްހަމަޖައްސާލުމަށް ޓަކައި މޫދަށް އެރިލުމަށްދާ ސަރަޙައްދެއް ކަމަށާއި ނަމަވެސް ޓޫރިސްޓުން ނިވާކަން ކުޑަ ހެދުން އަޅައިގެން ބީޗުގައި ތިބުމާއި ބަރަހަނާކޮށް އުޅުމާއި ރަލުގެ އިސްތިޢުމާލު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދިއުމަކީ، އެސަރަހައްދަށްދާ ތުއްތު ކުދިންނާއި އެ ކުދިންގެ މައިންބަފައިންގެ އެތައް ޙައްޤަކަށް އަރައިގަތުމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އަދާލަތު ޕާޓީން ބުނެފައި ވަނީ އެ ރަށުގެ ބީޗު ފްރަންޓުން ގޯތިގަނެފައިވާ ބައެއް ފަރާތްތަކުން ގެސްޓްހައުސް ހަދައި ޓުއަރިސްޓުންނަށް ކުއްޔަށްދިނުމުން ޓޫރިސްޓުން އެ ސަރަހައްދު ނަހަމަގޮތުގައި ބޭނުން ކުރުމަކީ ދެރަ ކަމެއް ކަމަށެވެ.
އަދާލަތުގެ ބަޔާނާ ގުޅިގެން ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހްމަދު ޝިޔާމު މިއަދު ވިދާޅުވީ، ހުޅުމާލޭ ބީޗު ސަރަހައްދުގައި ރަލުގެ އިސްތިއުމާލު ކުރުމުގެ ރިޕޯޓައް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ޓޫރިސްޓުން އެ ސަރަހައްދުގައި ނިވާކަންކުޑަގޮތް ގޮތަށް ހަރަކާތްތެރިވާ ކަމުގެ ރިޕޯޓްތަކެއް ލިބިފައިވާ ކަމަށާއި އެކަންތައްތައް ބަލަމުން ގެންދާ ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ.