26 May 2015, 15:51
ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލިކަމުގެ ދައުވާ އުފުލާފައިވާ ވ. ރަކީދޫ ލައިޓްހައުސް އާފިޔާ މުހައްމަދު މަނިކުގެ ބަންދުގެ މުއްދަތު 15 ދުވަސް އިތުރުކޮށްފި އެވެ.
އޭނާގެ ބަންދަށް 15 ދުވަސް އިތުރު ކުރީ އިއްޔެ އެވެ.
ކްރިމިނަލް ކޯޓުން އާފިޔާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ އިރު، ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާގެ އިތުރުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ވެސް އާފިޔާގެ މައްޗަށް ދައުލަތުން ވަނީ އުފުލައިފަ އެވެ.
ރަކީދޫ، މެރިންކޯނާ ގޭގައި ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި އިބްތިހާލް ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އިބްތިހާލަށް، އޭނާގެ މަންމަގެ ފަރާތުން އަނިޔާ ލިބެމުންދާތީ އެކި ފަހަރު މަތިން އެކުއްޖާގެ މަންމައަށް ނަސޭހަތްތެރިވެފައިވާ ކަމަށް ރަކީދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.
ހިއުމަންރައިޓްސް ކޮމިޝަންގެ ތަހުގީގަށް އާފިޔާ ގެންދިޔުމުން އޭނާ ވަނީ އިބްތިހާލަށް އަނިޔާ ކުރި ކަމަށް އިއުތިރާފުވެފަ އެވެ. އޭނާ ބުނީ ދަރިފުޅަށް އަނިޔާ ކުރީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ.