26 May 2015, 15:48
ރާއްޖޭގައި އުޅޭ ބިދޭސީ ފޮޓޯ ގުރާފަރުންނާއި ބިދޭސީ ކޭޝިއަރުން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން ފޮނުވާލުމަށް އެ މީހުން ރާއްޖެ ގެނެސްފައިވާ ފަރާތްތަކަށް ޑިޕާޓްމަންޓް އޮފް އިމިގުރޭޝަން އެންޑު އެމިގްރޭޝަނުން އަންގައިފި އެވެ.
އިމިގްރޭޝަނުން އިއްޔެ ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ފޮޓޯގްރަފީ"ގެ މަސައްކަތަށާއި ކޭޝިއަރުންގެ މަގާމަށް ގެނެސްފައިވާ ބިދޭސީން، 7 ޖޫން 2015ގެ ކުރިން ރާއްޖެ އިން ފުރުވާލުމަށް ފަހު، އެ ބިދޭސީންގެ އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލް ކުރުމަށް އެދޭ ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކުރާ ފަރާތްތަކާ މެދު އެ ޑިޕާޓުމަންޓުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
އިމިގްރޭޝަނުގެ އިއުލާނުގައި ބުނެފައި ވަނީ ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދީ، ދިވެހި ޒުވާނުން ވަޒީފާ އަށް ނެރުމަށް ސަރުކާރުން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން "ފޮޓޯގްރަފީ"ގެ މަސައްކަތަށާއި ކޭޝިއަރުންގެ މަގާމަށް ކޯޓާ ދޫނުކުރުމަށާއި ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫނުކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އިމިގްރޭޝަނުން މިހެން ބުނެފައިވާ އިރު ފޮޓޯގުރާފީ ދާއިރާއިން ބޭރުގެ ފަރާތްތަކަށް ފުރުސަތު ނުދިނުމަށް ސަރުކާރުން ވަނީ މި އަހަރުގެ ކުރީ ކޮޅު ނިންމާފައި އެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެކުރިން ވިދާޅުވެފައި ވަނީ ދިވެހި ފޮޓޯގުރާފަރުންގެ ކަންބޮޑުވުމަށް ހައްލެއް ގެނެސްދޭނެ ކަމަށާއި މީގެ ފަހުން ބޭރުގެ ފަރާތްތަކަށް ފޮޓޯގުރާފީގެ މަސައްކަތް ކުރުމަށް ހުއްދަ ދޫނުކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ފޮޓޯގުރަފީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ތެރޭގައި ހިމަނާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ހަމައެއާ އެކު ފިހާރަ އަދި ހޮޓާ ފަދަ ތަންތަނުގައި ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ތިބުމަށް ގެންނަ ފަރާތްތަކަށް ވެސް ކޯޓާ ދޫނުކުރާ ގޮތަށް ސަރުކާރުން ވަނީ ނިންމާފައި އެވެ.