26 May 2015, 15:06
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އާއެކު ފޮޓޯނެގި މައްސަލައިގައި މާލޭ ސިޓީ ކައުންސިލްގައި ހުންނަވާ ޕީޕީއެމްގެ މެންބަރު ޒައިދުލް އަމީން، ޕީޕީއެމް ކައުންސިލް މެމްބަރު ކަމުން ވަކިކޮށްފިއެވެ.
ޕީޕީއެމްގެ އިސްއޮފިޝަލަކު މިއަދު ސަން އަށް ޒައިދުލް އަމީން(ޒައިދު) އާއި ގުޅިގެން އެޕާޓީގެ ސުލޫކީ ކޮމެޓިއަށް ހުށައެޅުނު މައްސަލައެއް ބަލައި އޭނާ އެޕާޓީގެ ކައުންސިލްއިން ވަކިކުރުމަށް ނިންމާފައިވާ ކަމަށެވެ.
"ޒައިދު ވަނީ ޕީޕީއެމް ކައުންސިލުން ވަކިކޮށްފައި،" ޕީޕީއެމް އޮފިޝަލް ވިދާޅުވިއެވެ.
ޕީޕީއެމްގެ އޮފިޝަލް ވިދާޅުވީ، ޒައިދު އާ މެދު ފިޔަވަޅު އަޅާފައިވަނީ އޭނާ ސިންގަޕޫރަށް ކުރި ދަތުރެއްގައި އޭރު ބޭސްފަރުވާއަށް ވަޑައިގެންހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އާއި އެކު ފޮޓޯއެއް ނެގުމަށްފަހު އެފޮޮޓޯ ސޯޝަލް މީޑިއާއަށް ލުމުން ކަމަށެވެ. އެމައްސަލައިގައި މާފަށް އެދެންވެސް ޒައިދަށް އެންގިކަމަށް ވެއެވެ.
ނާޒިމާއެކު ފޮޓޯ ނެގި މައްސަލައިގައި ޕީޕީއެމްގެ ޑެޕިއުޓީ ސެކްޓަރީ ޖެނެރަލް އަބުދުލް އަލީމްގެ މައްސަލަވެސް ސުލޫކީ ކޮމެޓީން ބަލަމުންދާއިރު އޭނާ ވަނީ މަސައްކަތުން ދުރުކޮށްފައެވެ. ނަމަވެސް މިހާތަނަށް ފިޔަވަޅެއް އަޅާފައެއްނުވެއެވެ.
ޒައިދުލް ޕީޕީއެމްގެ ކައުންސިލަށް އިންތިހާބް ވެފައިވަނީ ކައުންސިލް މެމްބަރުންނަށް ދޭ ފުރުސަތުތަކުގެ ތެރެއިންނެވެ.
ޕީޕީއެމް ސަރުކާރުގެ ޑިފެންސް މިނިސްޓަރެއްގެ މަގާމުގައި ކުރިން ހުންނެވި ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް މާޗުމަހުގެ 27 ވަނަ ދުވަހު ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުން ނެވެ.