26 May 2015, 15:38
މިއަހަރު ރަމަޟާން މަހާ ދިމާކޮށް އަލް އަސްރު ޖަމިއްޔާއިން އިންތިޒާމު ކޮށްގެން ހާއްސާ ދީނީ ހަރަކާތްތަކެއް ހިންގަން ނިންމާފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.
އަލް އަސްރު ޖަމިއްޔާގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، ރޯދަމަހު ހިންގާ ދީނީ ހަރަކާތްތަކުގައި ދަރުސް ދިނުމަށް ސްރީލަންކާގެ ޝެއިހް މުއިޒް ބުޚާރީ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ރޯދަމަހު ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް، އަސްރު ނަމާދަށްފަހު ނޫރު މިސްކިތުގައި ޝެއިހް މުއިޒްގެ ހާއްސަ ދަރުހެއް އޮންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެ ދަރުސް ހަރަކާތަށް ކިޔާ ނަމަކީ "ދަ މެސެންޖާސް" އެވެ.
އޭގެ އިތުރުން ހުޅުމާލެ، ވިލިމާލެ އަދި އައްޑޫ ސިޓީގައި ހާއްސަ ދަރުސްތަކެއް ދޭނެ އެވެ. އެ ދަރުސްތައް ކުރިއަށްގެންދަނީ އަލް އަސްރު ޖަމިއްޔާ އާއި ޕީސް ފައުންޑޭޝަން، އަލް ހިޖްރާ އަދި ނޫރުލް އިސްލާމް ގުޅިގެންނެވެ. އަދި "ސެޓް ޔޯރ ގޯލް" ގެ ނަމުގައި ވިލިމާލެ، ހުޅުމާލެ އަދި އައްޑޫސިޓީގައި ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށްގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެ ހަރަކާތްތައް އޮންނާނީ ރޯދަ މަސްތެރޭގައި އަންނަ ހަފްތާ ބަންދު ދުވަސްތަކުގައެވެ.
އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ އިޙްޔާ ފޯރަމްގައި ޝެއިހް މުއިޒް ހާއްސަ ތަގުރީރެއް ދެއްވަން ހަމަޖައްސާފައިވާ އިރު ރޯދަމަހުގެ ކޮންމެވެސް އެއް ހުކުރެއްގައި ޝެއިހް މުއިޒް ހުކުރު ޚުތުބާ ދެއްވާނެ އެވެ.
އަލް އަސްރު ޖަމިއްޔާ އިން އަންނަނީ މީގެ ކުރިން ވެސް ރަމަޟާން މަސްތަކާ ދިމާކޮށް ހާއްސަ ދީނީ ހަރަކާތްތައް ހިންގަމުންނެވެ.