26 May 2015, 14:44
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ ސަރުކާރަށް މިއަދު އެއް އަހަރު ފުރުނު އިރު ތަކެތީގެ އަގު ކޮންޓްރޯލްކޮށް، އިގުތިސާދު ހަމައަކަށް އެޅުވިފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މޯދީ ނިސްބަތްވެވަޑައިގަންނަވާ ބާރަތިޔާ ޖަނަތާ ޕާޓީން އިންޑިއާގެ ޕާލަމެންޓްރީ އިންތިހާބު ކާމިޔާބުކޮށް، ވެރިކަމަށް އައިތާ އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ސޯޝަލް މީޑިއާ ޓްވިޓާގައި އޭނާގެ ފޮލޯވަރުންނަށް މިއަދު ފޮނުއްވި މެސެއްޖެއްގައި ވިދާޅުވެފައި ވަނީ ވެރިކަމާ ހަވާލުވީ ވަރަށް ނާޒުކު ދަނޑިވަޅެއްގައި ކަމަށެވެ.
"... ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅެއް ނޭޅި ސަރުކާރު އޮތީ ވާގި ނެތިފައެވެ. އުފުލެމުން ދިޔަ އިންފޭލާޝަނާއި އިގުތިސާދީ ރައްކާތެރި ކަމެއް ނެތުމުގެ ސަބަބުން މީހުން ތިބީ މާޔޫސްވެފައެވެ. އަހަރެމެން އައީ މި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަހަރެމެން ދިޔައީ ވަކި އިންތިޒާމެއްގެ ދަށުން މަސައްކަތްކުރަމުންނެވެ. އުފުލެމުން ދިޔަ އަގުތައް ވަރަށް އަވަހަށް ކޮންޓްރޯލް ކުރެވުނެވެ. ސިޔާސަތު ތަކެއްގެ ދަށުން ސާބިތުކަމާއި އެކު ވެރިކަން ކޮށް، އިގުތިސާދަށް ދިރުމެއް ގެނެވުނެވެ،" މޯދީގެ ފޮލޯވަރުންނަށް ފޮނުވި މެސެޖްގައި ވެއެވެ.
މެސެޖްގައި އޭނާ ވިދާޅުވެފައި ވަނީ އޭނާގެ ސަރުކާރަކީ ފަގީރުންނަށާއި އަޅައި ނުލައި ދޫކޮށްލެވިފައިވާ މީހުންނަށްޓަކައި މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށެވެ. އަދި އެމީހުންނަކީ ފަގީރުކަމާއި ދެކޮޅަށް މަސައްކަތް ކުރާ ސިފައިންނަށް ހައްދަވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އެގޮތުން މިހާރުވެސް ފަށާފައިވާ ބައެއް މަސައްކަތްތައް މެސެޖްގައި ފާހަގަކުރައްވާފައި ވެއެވެ.