ކުޅިވަރުގެ ތެރެއިން ޚާއްސަކޮށް ފުޓްބޯޅަ ދަނޑުތަކުގައި ކުޅުންތެރިން ކުއްލި މަރުގައި މަރުވާ މައްސަލަތައް ދެނެގަތުމާއި ކުޅުންތެރިންނަށް ކުރިމަތިވާ އަނިޔާތަކުން ސަލާމަތް ވުމާ ބެހޭ ރިސާޗްކުރާ ފީފާގެ ކޮމިޓީ ނުވަތަ (އެސްޑީއާރް) ގެ ކޯ އޯތާއަކަށް ރާއްޖޭގެ ގައުމީ ޓީމްގެ ފިޒީޝަން ޑރ. އަޙްމަދު ޝަކީބު ހަމަޖައްސައިފިއިއެވެ.

ސްވިޒަލެންޑްގެ ޒިޔުރިކްގައި ފެށުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ދަނޑުތަކުގައި ކުޅުންތެރިން ކުއްލި މަރުގައި މަރުވާ މައްސަލަތަކާ ބެހޭގޮތުން ބާއްވާ ކޮންފަރެންސަކަށް ފުރާވަޑައިގަތުމުގެ ކުރިން ސަންއަށް ދެއްވި އިންޓަވިއުގައި ޑރ. ޝަކީބު ވިދާޅުވީ އެސްޑީއާރް އިން ކުރާ ރިސާޗްތަކުގައި ކޯއޯތަކަށް ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި މިއީ މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން މިމައްސަލައާ ބެހޭގޮތުން ރިސާޗް ކުރާ ކޮމިޓީއެއް ކަމަށެވެ.

ޑރ. ޝަކީބު ވިދާޅުވީ އެކޮމިޓީއަކީ 18 އަހަރު ވަންދެން މިމައްސލައާ ބެހޭގޮތުން ރިސާޗްތައްކޮށްފައިވާ ކޮމިޓީއެއް ކަމަށެވެ. އެހެންކަމުން ކޮމިޓީގެ ކޯއޯތާއަކަށްވުމުގެ ފުރުސަތު ލިބޭނީ ސްޕޯޓްސް ފިޒީޝަނެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

އެހެންކަމުން އޭނާއަށްވެސް ފުރުސަތު ލިބުނީ ގިނަ އަހަރުތަކެއް ވަންދެން ރާއްޖޭގެ ގައުމީ ޓީމްގެ ސީނިއާ ފިޒީޝަނެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާތީ ކަމަށެވެ.

މިކޮމިޓީގައި ޑރ. ޝަކީބުގެ އިތުރުން ބައެއް އެހެން ގައުމުތަކުންވެސް ކޯއޯތާއިންގެ ތިއްބަވައެވެ.

ޝަކީބަކީ މިހާރުވެސް ފީފާއިން އިންތިޒާމުކޮށްގެން ބާއްވާ ފިޒިޝަން ކޯސްތަކުގައި ކިޔަވައި ދެއްވާ އިންސްޓްރަކްޓަރެކެވެ.

މިހަފުތާގައި ރާއްޖޭގެ ގައުމީ ޓީމްގެ ކުރީގެ މެނޭޖަރު އަޙްމަދު ޝާހިރަށްވެސް ވަނީ އާސިއާން ގައުމުތަކަށް ޚާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރަތުގެ ސީގޭމްސްގެ ފުޓްބޯޅައިގެ އެންމެ އިސް އޮފިޝަލްގެ މަގާމް ލިބިފައެވެ. ޝާހިރަކީ މުޅި އޭޝިއާގައިވެސް މަޝްހުރު މެޗް ކޮމިޝަނަރެކެވެ.