އިދިކޮޅު އެމްޑީޕީއާ ބައްދަލު ކުރުމަށް ފުލުހުން ފޮނުވަމުންދާ "ރިކުއެސްޓު"ތަކަށް އިޖާބަ ދޭން ބޭނުން ކަމަށާއި އެހެންނަމަވެސް ފުލުހުންނާ ބައްދަލު ކުރުމަށް ފަހު ދައްކާ ވާހަކަތައް ލިޔެކިއުމުން ބަދަލު ކުރުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށް އެމްޑީޕީ އިން މިއަދު ބުނެފި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން" އިން ކުރިި ސުވާލެއްގެ ޖަވާބުގައި އެ ޕާޓީގެ ޗެއާ ޕާސަންގެ ނައިބު އަލީ ޝިޔާމު ވިދާޅުވީ މީގެ ކުރިން ފުލުހުން ފޮނުވަމުންދާ ރިކުއެސްޓުތަކަށް އެބޭފުޅުންނާ ބައްދަލު ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ފުލުހުންނާ މަޝްވަރާ ކުރުމަށް ފަހު މަޝްވަރާގައި ދެއްކި ވާހަކަތަކަށް ވުރެ މީޑިއާތަކަށް ފުލުހުން ނެރޭ ވާހަކަތައް ތަފާތު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން އެބޭފުޅުންނާ ލިޔެކިއުމުން އަޅުގަނޑުމެން އޮންނާނެ އެބޭފުޅުންނަށް [ފުލުހުންނަށް] ސިޓީއެއް ފޮނުވާފައި އަޅުގަނޑުމެންނާއި އެބޭފުޅުންނާ ދައްކަން ޖެހޭ ވާހަކައެއް ލިޔެކިއުމުން ދެއްކުމަށް. އޭރުން އެއްވެސް ފަރާތަކަށް އެކަމުގައި އޮޅުމެއް ނާރާނެ. އަޅުގަނޑުމެން ފުލުހުންނަކާ އެއްވެސް ހިތްބުރަކަމެއް ނެތް. އަޅުގަނޑުމެން މި ގޮވާލަނީ ކޮމިޝަނަރު އޮފް ޕޮލިސް އަށް ގާނޫނީ އިމުގެ ތެރެއަށް ވަނުމަށް،" ޝިޔާމު ވިދާޅުވި އެވެ.

ޗެއާ ޕާސަންގެ ނައިބު އަލީ ޝިޔާމު މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅޭ ގޮތުން ޝިޔާމް ވިދާޅުވީ ފުލުހުން އިއްޔެ ކުރީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. މިއަދުގެ ބައްދަލުވުމުގައި އަލީ ޝިޔާމު ވަނީ ކޮމިޝަނަރު އޮފް ޕޮލިސް ކަމުގެ މަގާމުގައި ހުންނެވި ހުސައިން ވަހީދު މަގާމުން ދުރު ކުރުމަށް ވެސް ސަރުކާރަށް ގޮވާލާފައި އެވެ.

"އިއްޔެގެ އަމަލަކީ އެބޭފުޅުން ގާނޫނަށް އެއްގޮތަކަށް ވެސް ހުރުމަތްތެރިކޮށް ނުހިތާކަން ހަމަ ފާހަގަ ވެގެން ދިޔަ ކަމެއް. ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު އެގޮތަށް އަމަލު ކުރައްވާ ގޮތަކީ ރައީސް ޔާމީން އަމަލު ކުރައްވާ ގޮތްކަން ރައްޔިތުންނަށް ބިރު ދެއްކުން ރައްޔިތުންނަށް އަނިޔާވެރިވުން. މިއީ ހޮސްޕިޓަލެއްގައި އަނބިކަނބަލުންނާ އެކު ހުއްޓާ ގެންދަން ޖެހޭ ކޮން ސަބަބެއްތޯ އޮތީ،" ޝިޔާމް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ވައިސް ޗެއާ ޕާސަން އަލީ ނިޔާޒު ވިދާޅުވީ ފުލުހުންނާ ދައްކަމުންދާ ވާހަކަތަކުގައި ކަންތައްތައް ހައްލު ކުރުމަށް ވެސް ވާހަކަ ދައްކާފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެއިން އެއްވެސް ވާހަކައެއް ފުލުހުން މީޑިއާތަކާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

އެމްޑީޕީގެ ވައިސް ޗެއާ ޕާސަން އަލީ ނިޔާޒު ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެބޭފުޅުން އަޅުގަނޑުމެން ގެންގޮސް ޑިމޮކުރަސީގެ ވާހަކަތައް ދައްކާ ބޮޑެތި ތަގުރީރުތައް ދެއްވާ. އަޅުގަނޑުމެން ވެސް ހަމަ އަޑުއަހަން ތިބެން. އެހެންނަމަވެސް އެބޭފުޅުންގެ އަމަލުތައް އެހެނެއް ނޫން ހުންނަނީއެއް. އަޅުގަނޑުމެންނަށް ޔަގީން ވެސް އަޅުގަނޑުމެންނާ އެ ވާހަކަ ދައްކަވާ ހިސާބަކުން ނޫންކަން ކަންކަން ނިންމަނީކީއެއް." ނިޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ގޮތާ ގުޅޭ ގޮތުން އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި އަނަސް ވިދާޅުވީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މައުލޫމާތެއް ސާފު ކުރުމަށް ބުނެ ކަމަށެވެ. އަދި މުޒާހަރާތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމަށް ފަހު އޭނާ ފޮނުވާލާފައިވާ ކަމަށް އަނަސް ވިދާޅުވި އެވެ.