ތިރީސްހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ މާލޭގެ ހަ ވަނަ އަވަހަށް ކަމުގައިވާ ހުޅުމާލެ އަށް އިންތިހާ އަށް މެހީގެ އުނދަގޫ ބޮޑުވެއްޖެ އެވެ.

ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން މުޅި އެ ރަށުގައި ވަނީ މެހި ގިނަވެފަ އެވެ. އޭގެ ސަބަބުން ކެއިން ބުއިމަށާއި އެހެނިހެން ކަންކަމަށް ވެސް ބޮޑެތި ދަތިތަކާއި ކުރިމަތިވާ ކަމަށް އެއަވަށުގައި ދިރިއުޅޭ ފަރާތްތަކުން ބުންޏެވެ.

"މެހީގެ އުނދަގުލާ ހެދީ އުޅެވޭވަރެއް ނޫން މިހާރު. މުޅި ހުޅުމާލޭގައި މެހި، ގެއަށް ވެސް ވަންވަނީ ކެއްކޭ ވަރެއް ވެސް ނޫން،" ހުޅުމާލޭގައި ދިރިއުޅޭ އާސިމާ އިބްރާހިމް ވިދާޅުވި އެވެ.

ހުޅުމާލޭގެ ކަންކަން ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުނިސިޕަލް ހެޑް އިބްރާހިމް ހަލީލް ވިދާޅުވީ އެ މެހިތަކަކީ އެ ރަށު ގޮނޑުން އަންނަ މެހިތަކެއް ކަމަށާއި ރަށު ތެރެއަށް މެހި ގިނަވެފައި ވަނީ ވައިބަދަލުވުމުގެ ސަބަބުން ކަމަށެވެ.

މެހީގެ ކަންކަން ހައްލުކުރުމަށް ގޮނޑަށް ސުޕުރޭ ކުރަމުން އަންނަ ކަމަށާއި މިހާރު މެހީގެ މައްސަލައަށް ކޮންމެވެސް ވަރަކަށް ހައްލު ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ދަނީ ސްޕުރޭ ކުރަމުން، މިވަގުތަށް އަޅުގަނޑަސް ދެންނެވޭނީ މީގެ ދެތިން ދުވަސް ކުރިއާބަލާ އިރު ފާހަގަ ކުރެވޭ ވަރަށް ނުވިޔަސް ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވަމުން ދަނީ." ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ އެކަމަށް ދާއިމީ ހައްލެއް ވަރަށް އަވަހަށް ގެނެވޭނެ ކަމަށާއި އެކަން ކުރުމަށް ގޮނޑު ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ޑިރެކްޓަރު މައިމޫނާ އަބޫބަކުރު ވިދާޅުވީ މެހި މާގިނަވުމަކީ ސިއްހީ މައްސަލަތަކެއް ދިމާވާނެ ކަމެއް ކަމަށާއި ނަމަވެސް ހުޅުމާލޭގައި މެހި ގިނަވެފައި ވަނީ ކިހާވަރަކަން އަދި ނޭނގޭ ކަމަށެވެ. އެ މައްސަލަ އެޗްޕީއޭ އަށް ހުށައެޅިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.