26 May 2015, 13:54
ފެން ބިލަށް އަރާވަރު އެސްއެމްއެސްގެ ޒަރިއްޔާ އިން ބަލާލެވޭ ހިދުމަތެއް މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ތައާރަފުކޮށްފި އެވެ.
އެ ޚިދުމަތަކީ އެމްޑަބްލިއުއެސްސީ އިން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި އެ ކުންފުނިން ފަށާފައިވާ "ފަހި ހިދުމަތް" ކެމްޕޭނުގެ ދަށުން "ފަހި ނޮޓިފިކޭޝަން"ގެ ނަމުގައި ތައާރަފުކޮށްފައިވާ ހިދުމަތެކެވެ.
އެގޮތުން ހިދުމަތަށް ސަބްސްކްރައިބް ކުރުމަށް ފަހު އެސްއެމްއެސް މެދުވެރިކޮށް ފެންބިލަށް އަރާފައި ހުރިވަރު ބަލާލެވޭ އިރު އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުން ބޭނުންވާ ސުވާލެއްކުރެވޭނެ އެވެ.
އެގޮތުން މެސެޖެއްގައި SUBSCRIBE(space)ACCOUNTNO(space)METERNO ޖެހުމުން ހިދުމަތަށް ރަޖިސްޓާ ކުރެވޭނެ އެވެ. އަދި މެސެޖެއްގައި INQ(space)MESSAGE މެދުވެރިކޮށް ބޭނުންވާ ސުވާލު ފޮނުވޭނެ އެވެ. އަދި BAL(space)ACCOUNTNO(space)METERNO މެސެޖެއްގައި ޖަހާފައި ފޮނުވުމުން ބިލަށް އަރާވަރު ބަލާލެވޭނެ އެވެ. އެސްއެމްއެސް ކުރަންޖެހޭ ނަމްބަރަކީ 1050 އެވެ.
ހަ މަސްދުވަހުގެ މުއްދަތަށް އެމްޑަބްލިއުއެސްސީ އިން ކުރިއަށްގެންދާ އެ ކެމްޕޭނުގެ ދަށުން ކަސްޓަމަރުންނަށް ފަހިކަން ގެނެސްދޭނެ ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.