ރާއްޖޭގެ ރަށްތައް ސާފުކޮށް ބެހެއްޓުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި ކުނި މެނޭޖު ކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ސަރުކާރުން 180 ޑަސްބިން ހަވާލު ކޮށްފި އެވެ.

މިއަދު ހުޅުމާލޭގައި އޮތް ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ ޑަސްބިންތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. އަދި އެޗްޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.

މިއަދު އެޗްޑީސީގައި ބޭއްވި ޑަސްބިން ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ:ޅ ޔޫސުފް ސޮފްވާން

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު ވިދާޅުވީ ޗައިނާ ސަރުކާރުގެ އެހީއާ އެކު ލިބިފައިވާ ޑަސްބިންތަކުގެ ތެރެއިން ހުޅުމާލޭގައި ބެހެއްޓުމަށް މިއަދު ހަވާލު ކުރީ 170 ޑަސްބިން ކަމަށެވެ.

ހުޅުމާލޭގެ ގިނަ ސަރަހައްދުތަކުގައި އެ ޑަސްބިންތައް ބެހެއްޓުމުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނާއި އެތަނަށްދާ ފަރާތްތަކަށް ރަނގަޅު ގޮތުގައި ކުނި މެނޭޖު ކުރުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.

މިއަދު އެޗްޑީސީގައި ބޭއްވި ޑަސްބިން ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައިމަން ވިދާޅުވީ އެޗްޑީސީއާ ހަވާލު ކުރި ޑަސްބިންތައް މިހާރު ވެސް ހުޅުމާލޭގެ ތަންތަނުގައި ބަހައްޓަމުންދާ ކަަމަށެވެ.

އޭނާ ވިދާޅުވީ ހުޅުމާލެ އަށް ކުނި އާންމުކޮށް އެޅެނީ އެތަނުގެ ރައްޔިތުންނަށް ވުރެ ގިނައިން އެތަނަށް ގޮސްއުޅޭ ޓުއަރިސްޓުންގެ ފަރާތުން ކަމަށެވެ. އެހެން ކަމުން އެ ޑަސްބިންތައް ބެހެއްޓުމުގެ ސަބަބުން ފަސޭހަތަކެއް ވެގެން ދާނެ ކަމަށް ސައިމަން ވިދާޅުވި އެވެ.