ހުޅުމާލެ އާއި އެއާޕޯޓާ ދެމެދު ރޯދަ މަހު ދަތުރު ކުރުމަށް އިތުރު ދެ ބަސް ގެންނަން ނިންމާފައިވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަތުރުތައް ކުރުން އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހަލީމް ވިދާޅުވީ އެ ކުންފުނިންދޭ ފެރީގެ ހިދުމަތާއި އެއްގަމު ދަތުރުފަތުރުގެ ހިދުމަތް މިހާރަށް ވުރެ ވެސް ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

"ކުރިއަށް އޮތް ރޯދަމަހު ވެސް އަޅުގަނޑުމެންގެ ދަތުރުފަތުރުގެ ނިޒާމަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް އަންނާނެ. އަޅުގަނޑުމެން މަސައްކަތްތަކެއް އެބަ ކުރަން އިތުރު ފެރީއެއް ގެނައުމާއި އަދި ބަސްދަތުރުތަކަށް އިތުރު ދެ ބަސް ގެނެސްގެން ދަތުރުތައް ފެށުމަށް ޓަކައި،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ ހުޅުމާލެ އެތެރޭގެ ދަތުރުތަކަށް ވުރެ ބޮޑަށް ދަތިވެފައި ވަނީ ހުޅުމާލެ އާއި އެއާޕޯޓާ ދެމެދު ދަތުރުކުރާ ބަހުގެ ދަތުރުތަކަށް ކަމަށެވެ. އެހެންކަމުން ރޯދަ މަސް ފެށޭކޮޅު، ލަގެޖް އުފުލޭ ކަހަލަ ދެ ބަސް އެ ދޭތެރޭގައި ދަތުރުކުރުމަށް ތައާރަފުކުރާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

އޭގެ ސަބަބުން އެ ދޭތެރޭގައި ދަތުރުކުރާ މީހުންނަށް ހެޔޮ އަގެއްގައި ފަސޭހަގޮތެއްގައި ދަތުރުތައް ނިންމާލެވޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ. ހަލީމް ވިދާޅުވީ އެ ދެ ބަހާ އެކު މިއަހަރު ޖުމްލަ ހަތަރު ބަސް ތައާރަފުކުރަން ޕްލޭންކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުރަތަމަ ތައާރަފުކުރާނީ ރޯދަ މަހަށް ހާއްސަ ދެބަސް ކަމަށް ހަލީމް ވިދާޅުވި އެވެ.