26 May 2015, 12:06
އަންނަ އަހަރުން ފެށިގެން އަންހެން ފުޓްބޯޅައިގެ ލީގެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ މުޙައްމަދު ޝިޔާޒު (މޯހަން) ވިދާޅުވެއްޖެ އެވެ.
ސަން މީޑިއާގެ ސަން ޓީވީ ސްޕޯޓްސްގައި ވާހަކަ ދައްކަވަމުން މޯހަން ވިދަޅުވީ ފީފާގެ އިރުޝާދުގެ ދަށުން އަންނަ އަހަރު ބާއްވާ މުބާރާތަކީ ހަ ޓީމް ބައިވެރި ކޮށްގެން ބޭއްވުމަށް މަސައްކަތް ކުރާ މުބާރާތެއް ކަމަށެވެ.
މޯހަން ވިދާޅުވީ ރާއްޖޭގައި އަންހެން ފުޓްބޯޅައިގެ ހަރަކާތްތައް ދިރުވުމަށް ބާއްވާ ލީގްގައި ބައިވެރިވާ ޓީމްތަކަށް ފީފާއިން ފުޓްބޯޅަ ކުޅޭ ސާމާނު ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
އެފްއޭއެމް އިން މިހާރު ވެސް ގެންދަނީ އަންހެން ފުޓްބޯލް ޗެމްޕިއަންޗިޕްގައި މުބާރަތެއް ކުރިއަށް ގެންދަމުންނެވެ. މި އަހަރުގެ މުބާރާތް މިހާރު ފެށިގެން ކުރިއަށްދާ އިރު މިއީ އެ މުބާރާތް ބާއްވާ ތިން ވަނަ ފަހަރެވެ.