26 May 2015, 12:21
މި މަހުގެ 27 އިން 28 އަށް ކުވައިތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގައި ހިމެނޭ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ 42 ވަނަ ބައްދަލުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ކުވައިތަށް ފުރާވަޑައިގެންފި އެވެ.
އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ކައުންސިލް ބައްދަލުވުމުގައި ޓެރަރިޒަމާ ދެކޮޅަށް އެންމެން އެއްވިސްނުމެއްގައި އެކުގައި މަސައްކަތްކުރުމަށް މަޝްވަރާކުރުމަށް ހަމަޖެހިފައިވާ އިރު، ފަލަސްތީނުގެ މައްސަލައާއި އަރަބީންގެ އަތުން އަތުލައިގެންފައިވާ އެހެނިހެން ބިންތަކުގެ މައްސަލަތަކާއި އިސްލާމީ ދުނިޔޭގައި ހުރި ތަފާތު މައްސަލަތާކައި ހައްދުފަހަނަޅައި ދިއުމުގެ މައްސަލަތަކާއި ބައިނަލްއަގްވާމީ ފެންވަރެއްގައި ޓެރަރިޒަމާ ދެކޮޅަށް ކުރެވިދާނޭ ކަންކަމާ ބެހޭ ގޮތުން މިނިސްޓަރު ދުންޔާ ވާހަކަފުޅު ދައްކަވާނޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.
މިނިސްޓަރު ދުންޔާގެ އަރިހުގައި އޯއައިސީ ހާރިޖީ ވަޒީރުންގެ ކައުންސިލްގެ 42 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދުއާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އައިޝަތު ލިއުޝާއާއި ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ އަބްދުލް ވާރިސް ސައީދު ހިމެނިވަޑައިގަންނަވަ އެވެ.
ދިވެހިރާއްޖެ އޯއައިސީގެ މެންބަރަކަށް ވީ 26 ޖުލައި 1976 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ އޯގަނައިޒޭޝަނުން ބޭއްވި ހުރިހާ ސަމިޓްތަކާއި ފޮރިން މިނިސްޓަރުންގެ މީޓިންގައި ރާއްޖެއިން ބައިވެރިވެފައިވެ އެވެ.