އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުރިހާ ދަތުރުތަކެއް ކޮށްދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން އެއްބަސްވެއްޖެ އެވެ.

އެމްޓީސީސީ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން އެވެ.

މިއަދު އެމްޓީސީސީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ------ ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް ސުލައިމާން ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ކެމްޕޭނު ދުވަސްވަރު ރަށްރަށަށް ކުރާ ދަތުރުތަކުގައި އެމްޓީސީސީގެ އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި އެ ފުރުސަތު އެމްޓީސީސީ އިން ދިން ކަމަށްޓަކައި އެ ފަރާތަށް ސުލައިމާން ޝުކުރުއަދާކުރެއްވި އެވެ.

އެމްޓީސީސީގެ ސީއީއޯ ހަލީމް ވިދާޅުވީ އިލްކެޝަންސް ކޮމިޝަނުން ބޭނުންވާ ދަތުރުތައް އެބޭފުޅުން ބޭނުންވާ ގޮތަށް އިތުބާރާއެކު ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އެގޮތުން އިންތުހާބުތަކާ ގުޅިގެން ކައިރި އަދި ދުރު ރަށްރަށަށް ކަނޑުމަގުން ކުރާ ދަތުރުތައް މެނޭޖްކޮށް ހުރިހާ ކަމެއް ހަމަޖައްސާނީ އެމްޓީސީސީ އިން ކަމަށެވެ.

މިއަދު އެމްޓީސީސީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ------ ސަން ފޮޓޯ/ އަހުމަދު ޝަރުވާން

"އަޅުގަނޑުމެންގެ ހިދުމަތް ފުޅާވަމުން އަންނަ ވަރަކަށް އަޅުގަނޑުމެން ވިސްނާކަމެއް. މިއީ ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކަށް ކަނޑުމަގުން ބޭނުންވާ ދަތުރުގެ ކަންތައްތައް އެމްޓީސީސީ މެދުވެރިކޮށް ކޮށްދިނުން. މީގެ މަގްސަދަކީ ދައުލަތުގެ ބަޖެޓަށް ކުރާ އަސަރު ކުޑަކުރުން. ދައުލަތުގެ ސޭވިންގްސްތައް ރަނގަޅުކުރުން،" ހަލީމް ވިދާޅުވި އެވެ.

އެގޮތުން ދައުލަތުގެ މުއައްސަސާތަކަށް ދަތުރުތައް ކޮށްދިނުމުގެ ޕްލޭނެއް ރާވާކަމަށް ހަލީމް ވިދާޅުވި އެވެ. އެމްޓީސީސީ އަކީ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއިން މިހާރު ރާއްޖޭގައި އެންމެ ކުރިއަރާފައިވާ އެއް ކުންފުންޏެވެ.