ކ. ތުލުސްދޫން: ހުސައިން ހަސަން

ހޯމް މިނިސްޓްރީގެ ނުރުހުމުގައި އަތޮޅު ކައުންސިލްގެ އިދާރާ ކައުންސިލަރުންނާ ފުލުހުން ހަވާލު ކުރުމުން ކައުންސިލް ރޫޅާލާނެ ކަމުގެ އިންޒާރު އަނެއްކާވެސް ހޯމް މިނިސްޓްރީން ދީފައިވައިވާ ކަމަށް މާލެ އަތޮޅުގެ ކައުންސިލްގެ ރައީސް އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކ. ތުލުސްދޫގައި އިއްޔެ ގާއިމް ކުރި ކައުންސިލްގެ އިދާރާ ފުލުހުންގެ ބާރުގެ ދަށަށް މިއަދު ހެނދުނު ގެނައުމުން، އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ އަޑު އުފުލުމުން ކައުންސިލްގެ އިދާރާ އަނެއްކާވެސް މާލެ އަތޮޅު
ކައުންސިލަރުންނާ ހަވާލު ކުރުމާ އެކު އެ ކަމުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރުމުގެ ގޮތުން ވާހަކަދައްކަވަމުން މާލެ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ސައީދު ވިދާޅުވީ ކައުންސިލަރުން މަރާލާނެ ކަމުގެ އިންޒާރު ވެސް ބަޔަކު ދީފައިވާ ކަމަށެވެ. ސައީދު އެހެން ވިދާޅުވީ ފުލުހުންގެ އިސް އޮފިޝަލުންތަކެއްގެ އެތާންގައި ތިއްބެވި އެވެ.

ސައީދު ވދާޅުވީ ފުލުހުން އޮފީސް ހުޅުވުމުގެ ހުއްދަދިނީ ހޯމް މިނިސްޓްރީގެ ރުހުމުގައި ނޫން ކަމަށެވެ. އަދި އެކަމާ ގުޅިގެން ކައުންސިލް ރޫޅާލާނެ ކަމުގެ އިންޒާރު އަނެއްކާވެސް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ފުލުހުން އެކަން ސަން އަށް ކަށަވަރުކޮށެއް ނުދިނެ އެވެ.

ފުލުހުން ކުރިން ބުނެފައިވަނީ އޮފީސް ހުޅުވާނީ ހޯމް މިނިސްޓްރީ ނުވަތަ ލޯކަލް ގަވަމަންޓް އޮތޯރިޓީން އެ އޮފީސް ހުޅުވުމުގެ ހުއްދަ ދިން ކަމުގެ ލިޔުމެއް ދިނުމުން ކަމަށެވެ.

ރައްޔިތުން ނުރުހުން ފާޅުކޮށް، ފުލުހުންނާއި އާމުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކަށް ފަހު، ފުލުހުން އޮފީސް ކައުންސިލަރުންނާ ހަވާލުކޮށްފައިވަނީ ރައްޔިތުންނަށް އެއްބާރުލުން ދިނުމުގެ ބޭނުމުގައި ކަމަށް ފުލުހުން ބުންޏެވެ.