އިންޑިއާ ސަރުކާރުން ހަދިޔާ ކުރާ އެމްއާރްއައި މެޝިން ބަހައްޓައި އޮޕަރޭޓް ކުރަން ފަށަން އަދި މަދުވެގެން ހަ މަސް ދުވަސް ހޭދަވާނެ ކަމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް ( އައިޖީއެމްއެޗް) އިން ބުނެފި އެވެ.

އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރު މިއަދު ސަން އަށް ވިދާޅުވީ އެމްއާރްއައިމެޝިން ބަހައްޓާނެ ތަން ފާހަގަކޮށް އިންޑިއާ ސަރުކާރަށް މިހާރު އަންގާފައިވާ ކަމަށެވެ. ދެން އެކަން ކުރިއަށް ދާނީ އިންޑިއާ ސަރުކާރުން ޝޯޓްލިސްޓްކޮށްފައިވާ ކުންފުންޏަކުން އެތަން ބެލުމަށް ފަހު، އައިޖީއެމްއެޗުން އެތަން ތައްޔާރު ކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"..މެޝިން ބަހައްޓަން އެބޭފުޅުން ވިދާޅުވީ ވަކި ބޮޑުމިނެއްގެ ތަނެއް ދެއްކުމަށް، އެއީ 2500 އަކަފޫޓްގެ ތަނެއް އެކަމަށް ބޭނުން ވަނީ. އަޅުގަނޑުމެން މިހާރު ތަނެއް ފާހަގަކޮށް، ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އިންޑިއާ ހައިކޮމިޝަނަށް އަންގާފައި ވާނީ. ދެން އެކަން ކުރިއަށް ދާނީ އިންޑިއާ ސަރުކާރުން ޝޯޓްލިސްޓް ކުރާ ކުންފުންޏަކުން ޓެކްނިކަލް ބޭފުޅުން ވަޑައިގެން އެތަން ބެއްލެވުމުން، އެބޭފުޅުން ބެއްލެވުމުން، އަޅުގަނޑުމެން އެތަން ތައްޔާރު ކުރުމަށް މަދުވެގެން ހަ މަސް ދުވަސް ހޭދަވާނެ." ފަރުހަތު ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އިންޑިއާގެ ޑިފެންސް މިނިސްޓްރީ އިން މިދިޔަ އަހަރު ހަދިޔާކުރި އެމްއާރްއައި މެޝިނުގެ ހިދުމަތް ނުލިބި ލަސްވެފައި ވަނީ އެމެޝިން ބަހައްޓާނެ ތަނެއް ކަނޑަނޭޅިގެންނެވެ. އެގޮތުން އެމެޝިން ފުރަތަމަ ބަހައްޓަން ސަރުކާރުން ނިންމީ މިލިޓަރީ ހޮސްޕިޓަލް ސެނެހިޔާގަ އެވެ. އަދި އެ ހޮސްޕިޓަލުގައި މެޝިން ބެހެއްޓުމަށް މެޝިން ވިއްކާ ކުންފުނިން އައިސް ސާވޭކޮށް ނިމުން ފަހުން ދިވެހި ސަރުކާރުން ނިންމީ މެޝިން އައިޖީއެމްއެޗްގައި ބެހެއްޓުމަށެވެ. އަދި އެހޮސްޕިޓަލުން ދެއްކި ތަން ވެސް މެޝިން ވިއްކާ ކުންފުނިން ސާވޭ ކުރި އެވެ. ނަމަވެސް އޭގެ ފަހުން އައިޖީއެމްއެޗުން އަނެއްކާ ވެސް ވަނީ ލޮކޭޝަން ބަދަލުކޮށްފަ އެވެ.

"...މެޝިން ބަހައްޓަން ކަނޑައެޅި ލޮކޭޝަން މިހާރު ވަނީ ތިން ވަނަ ފަހަރަށް ބަދަލުކޮށްފައި. ލޮކޭޝަން ދެއްކުމުން މެޝިން ބަހައްޓާ ކުންފުނިން ކުރަން ޖެހޭ ވަރަށް ބޮޑު ސާވޭއެއް. ދެން މިވަރަށް ބަދަލުކުރުމުން ، އެކުންފުނިން ވެސް އެބަ ބޭނުންވޭ އިތުރު ޔަގީންކަމެއް،" އިންޑިއާ ސަރުކާރުގެ ނަން ހާމަ ނުކުރާ އޮފިޝަލަކު ވިދާޅުވި އެވެ.