26 May 2015, 10:04
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހިނގައިފާނެ ކުއްލި ހާދިސާއަކުން ކަމާ ބެހޭ ފަރާތްތައް ހަރަކާތްތެރިވާން ޖެހޭ ގޮތް ބަޔާންކޮށްފައިވާ "އެއަޕޯޓް އިމަޖެންސީ ޕްލޭން" ޓެސްޓް ކުރުމަށް ހާއްސަ ހަރަކާތެއް ހިންގަން ނިންމާފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އާންމުކޮށް ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނީ އެފަދަ ހާދިސާއެއްގައި ހަރަކާތްތެރިވާ ގޮތް ވަޒަންކުރުމުގެ މަގްސަދުގައި ހިންގާ އެ ހަރަކާތް ބާއްވާނީ 10 ޖޫން 2015 ވާ ބުދަ ދުވަހު ހަވީރު 4:00 އާއި 7:30 އާ ދެމެދު ކަމަށެވެ.
އެގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަޕޯޓްގައި "ފުލްސްކޭލް އިމަޖެންސީ އެކްސަސައިޒެއް" ހިނގަމުން ދާނެ ކަމަށާއި އެއާޕޯޓްގައި ތަމްރީން ޕްރޮގްރާމް ހިނގަމުންދާ ވަގުތު، އެކަމާގުޅޭ ބައެއް ހަރަކާތްތައް މާލެ އާއި ހުޅުމާލޭގައި ވެސް ކުރިޔަށް ދާނެ ކަމަށެވެ.
"ތަމްރީނުގައި ޒަހަމްވެފައިވާކަމަށް ދައްކުވައިދޭ ފަސިންޖަރުން ވައިގެ ބަނދަރުން އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުގެ ހަރަކާތްތައް ހިނގަމުންދާ މަންޒަރު ފެނިވަޑައިގެންފި ނަމަ، މިކަމާމެދު ކަންބޮޑުވެވަޑައި ނުގަތުމަށް ދެންނެވީމެވެ. މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތިޔަ އެންމެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެދިދެންނެވީމެވެ." އެމްއޭސީއެލްގެ އިއުލާނުގައިވެ އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ހިދުމަތް ހޯއްދަވާ ފަރާތްތަކަށާއި މާލެ އާއި ހުޅުމާލޭގައި އުޅުއްވާ ބޭފުޅުންނަށް، އެ ތަމްރީންތައް ހިންގަމުންދާ ވަގުތު ދިމާވެދާނެ ދަތިތަކަކަށް ޓަކައި އެކުންފުނީގެ ފަރާތުން މައާފަށް އެދެ އެވެ.