ކަތްމަންޑޫ (މޭ 26) : ނޭޕާލަށް އައި ބިންހެލުންތަކާ ގުޅިގެން އެގައުމަށް އަވަސްއެހީގެ ގޮތުގައި 500 މިލިޔަން ޑޮލަރު ދިނުމަށް ބައިނަލްއަގްވާމީ މުޖްތަމައުން ވައުދުވެފައިވާ އިރު މީގެ ތެރެއިން 10 ޕަސެންޓަށް ވުރެ ވެސް މަދު މިންވަރެއްގެ އެހީ ނޫނީ އަދި ލިބިފައި ނުވާ ކަމަށް އެގައުމުން ބުނެފި އެވެ.


ނޭޕާލުގެ މާލީ ވަޒީރު ރާމް ޝަރާން މާހާތް ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލެއްވީ ނޭޕާލަށް ދިނުމަށް އދ. ންނާއި ދުނިޔޭގެ އެތަށް ގައުމަކުން ވައްދުވެފައިވާ މާލީ އެހީތައް އަވަސްގޮތެއްގައި ދިނުމަށެވެ. ބިންހެލުންތަކުގެ ސަބަބުން ހާލުގައިޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި ވެއްޓިފައިވާ އިމާރާތްތަކުގެ ބައިތައް ނަގައި ސާފުކުރުމުގެ މަސައްކަތަށް ބޭރުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށްވެސް ނޭޕާލުގެ ވަޒީރު ވިދާޅުވި އެވެ.
ޝަރާން ވިދާޅުވީ ކާބޯތަކެއްޗާއި ވަގުތީ ފޭލިގެތަކާއި ބޭހާއި އަންނައުނު ފަދަ އިންސާނީ އެހީ މައިގަނޑު ގޮތެއްގައި ފޯރުކޮށްދެމުން ގެންދަނީ އދ. ންނާއި އިންސާނީ އެހީ ދިނުމުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ކަމަށާ އެފަރާތްތަކުން އެހީގެ ތަކެތި ބަހަމުން ގެންދަނީ ނޭޕާލް ސަރުކާރު މެދުވެރިކޮށްގެން ނޫންކަމުގަ އެވެ. މިކަމުގެ ސަބަބުން ވެސް އިންސާނީ އެހީގެ ކަންތައްތައް ލަސްވަމުންދާ ކަމަށް ރާމް ޝަރާން ވިދާޅުވި އެވެ. ނޭޕާލުގެ މާލީ ވަޒީރު މިމޭރުމުން ވާހަކަ ދައްކަވާފައިވާ އިރު ހާލުގައިޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ނޭޕާލް ސަރުކާރުން ގެންގުޅޭ ގޮތްތަކަށް ވެސް އެހީދޭ ޖަމާއަތްތަކާއި އދ. ގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.


ނޭޕާލަށް އައި ބިންހެލުންތަކުގެ ތެރެއިން އެންމެ ބާރުގަދަ ދެބިން ހެލުމަށް މިހާރު މަސްދުވަސްވެފައިވާ އިރު ޙާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމާއި ކާބޯތަކެއްޗާއި ބޭސް ފަރުވާ ފޯރުކޮށްދިނުމުގެ ކަންތައް އެދެވޭގޮތެއްގައި ކުރިޔަށް ނުދާ ކަމަށް ޚަބަރުލިބެ އެވެ. މިދިޔަ އެޕްރީލް މަހުގެ 25ގައި ނޭޕާލަށް އައި ބާރުގަދަ ދެ ބިންހެލުމާއި އެއަށް ފަހު އައި ކުދިކުދި ބިންހެލުންތަކުގައި 9000 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ގެއްލިފައިވެ އެވެ. އަދި ގެދޮރު ހަލާކުވުމުގެ ސަބަބުން ދެލިޔަނަށް ވުރެ ގިނަމީހުން މަގުމަތިވެ ހާލުގައި ޖެހިފައިވެ އެވެ.
ނޭޕާލަށް އަވަސްއެހީ ފޯރުކޮށްދިނުމަށްޓަކައި އދ. ން ވަނީ އަވަސްއެހީގެ ގޮތުގައި 411 މިލިޔަން އެމެރިކާ ޑޮލަރު އދ. ގެ ކަމާބެހޭ އެކައުންޓްތަކަށް ޖަމާކޮށްދިނުމަށް ދުނިޔޭގެ ގައުމުތަކަށް އިލްތިމާސްކޮށްފަ އެވެ. ނަމަވެސް މަދުގައުމަކުން ނޫނީ އަދި ފައިސާ ޖަމާކޮށް ނުދޭކަމަށް އދ. ން ބުނެއެވެ. ގިނަ ގައުމުތަކުން ފައިސާ ޖަމާކޮށްދިނުމުގެ ބަދަލުގައި އެހީ ފޯރުކޮށްދެމުން ގެންދަނީ އެގައުމުތަކުގެ ރެޑް ކްރޮސްއާއި ރެޑް ކްރެސެންޓް ޖަމާއަތްތައް މެދުވެރިކޮށް ކަމަށްވެ އެވެ. ނަމަވެސް ނޭޕާލް ސަރުކާރުން ބޭނުން ވަނީ ފައިސާގެ އެހީ އެވެ. (ރޮއިޓާސް)