26 May 2015, 09:24
ނައިޓްމާކެޓްގައި ސޮލީބުތަކެއް ވިއްކަމުން ދިޔަ ކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ސޮލީބުތައް ހުރީ ކަރުގައި އަޅާ ފަށްތަކެއްގެ ފަށު ފުލުގައި ލާފައި ކަމަށެވެ. އަދި ނައިޓް މާކެޓުގައި ހުރި މޭޒަކުން ކަރުގައި އަޅާ ފަށުފުލުގައި ބޭނުންކުރެވޭ ގޮތަށް ހުރި ސޮލީބުތަކެއް ފަށާ އެކު ވިއްކަމުންދާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ނައިޓް މާކެޓްގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ ފުލުހުން ވަނީ އެ ފަށްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެތަކެތި ވިއްކުމާއި ހަވާލުވެ ހުރި އުމުރުން 32 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރު ކޮށްފަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ އާ ގުޅިގެން މަގުމަތީ ބާޒާރުގައި ވިއްކަން ގެނެސްފައި ހުރި 25 ސޮލީބު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މަގުމަތީ ބާޒާރުގެ އެހެން މޭޒުތަކުގައި އެފަދަ ތަކެތި ވިއްކަމުންދޭތޯ ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގައިވާ ގޮތުން އިސްލާމްދީން ނޫން އެހެން ދީންތަކުގެ މީހުން އަޅުކަން ކުރާނެ ތަންތަން ހެދުމާއި، އިސްލާމްދީން ނޫން އެހެން ދީންތަކުގެ ޝިއާރުކަމަށް ބެލެވޭ ތަކެތި ވިއްކުމާ ގެންގުޅުމާއި އިޝްތިހާރު ކުރުމަކީ ރާއްޖޭގައި މަނާކަމެވެ.