26 May 2015, 09:24
ނިޔުދިއްލީ (މޭ 26) : އިންޑިއާގެ އުތުރުގެ ސްޓޭޓްތަކަށް ކުރިމަތިވެފައިވާ އާދަޔާ ޚިލާފު ހޫނުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ އިރު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އަންދުރަ ޕްރަދޭޝް އާއި ޓަލަންގާނާ އަދި އުތުރުގެ އެހެން ސްޓޭޓްތަކުގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށްދާނެ ކަމަށް އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ބުނެފި އެވެ.
އެ އިދާރާ އިން ބުނީ އިންޑިއާ އަށް މިހާރު ކުރިމަތިވެފައިވާ ހޫނުގެ ވޭވްތަކަކީ މިއަހަރުގެ ވިއްސާރަ މޫސުމުގައި އާދަޔާ ޚިލާފަށް ވާރޭވެހިދާނެ ކަމުގެ އަލާމާތެއްކަމަށް ވެސް ބެލެވޭކަމުގަ އެވެ. މިއީ އިންޑިއާއަށް ވެސް ވިއްސާރަ މުސުން ފެށިފައިވާ ދުވަސްވަރަށްވާ އިރު މޭމަހުގެ ފަހުކޮޅުގައި ވާރޭވެހުމުގެ ބަދަލުގައި ފިނިހޫނުމިން މައްޗަށް ދިޔުން އިންޑިއާގެ މޫސުމާބެހޭ ތަޖްރިބާކާރުން ވަނީ އަދަޔާ ޚިލާފު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވާފަ އެވެ. އިންޑިއާގައި އާންމުކޮށް ހޫނުގަދަވަނީ މާޗް އެޕްރީލް ހިސާބުގަ އެވެ.
މޭ މަހަކީ އިންޑިއާގެ ހުރިހާ ސްޓޭޓް ތަކަށް ވެސް އާންމު ގޮތެއްގައި ވިއްސާރަކުރާ މަހަކެވެ. ނަމަވެސް މިފަހަރު މޭމަހުގެ ފަހުކޮޅަށް ދިޔައިރު ވެސް އަދި ވިއްސާރަ ކުރަން ފަށާފައެއް ނުވެ އެވެ. އިންޑިއާގެ އުތުރުގެ ދެ ސްޓޭޓެއް ކަމަށްވާ ޓަލަންގަނާއާއި އަންދްރާ ޕްރަދޭޝް އަށް ކުރިމަތިވި އާދަޔާ ޚިލާފު ހޫނެއްގެ ސަބަބުން 500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާތީ އަވީގައި ގިނައިރު ނޫޅުމަށް އެދެ ސްޓޭޓްގެ ލޯކަލް ސަރުކާރުތަކުން ވަނީ ރައްޔިތުން އިލްތިމާސްކޮށްފަ އެވެ.
މިދެ ސްޓޭޓަށް ފާއިތުވި ތިން ދުވަހުގެ ތެރޭގައި އާދަޔާޚިލާފަށް ހޫނުވެ ހޫނުވެ ފިނި ހޫނުމިން 50 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ދިޔުމާގުޅިގެން 500 އަށް ވުރެ ގިނަ މީހުން މަރުވެ އެތައްބަޔަކު ބަލިވެގެން ހޮސްޕިޓަލްތަކުގައި ވަނީ އެނދުމަތިކޮށްފަ އެވެ. ހޫނު ގަދަވުމުގެ ސަބަބުން މަރުވި މީހުންގެ ހަގިގީ އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށް އިންޑިޔާގެ ނޫސްތައް ބުނެއެވެ. މި މޭމަހުގެ ކުރީކޮޅުން ފެށިގެން އިންޑިއާގެ އުތުރުގެ ސްޓޭޓްތަކުގެ ރައްޔިތުން ގެންދަނީ އާދަޔާ ޚިލާފު ހޫނުކަމެއް ތަޙައްމަލް ކުރަމުންނެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އިންޑިޔާގެ ބޮޑު ބަޔަކަށް އާދަޔާޚިލާފަށް ހޫނުގަދަވެފައިވާއިރު ވެރިރަށް ނިއުދިއްލީ އާއި އެނޫން ބައެއް ސްޓޭޓްތަކުގެ ފިނި ހޫނުމިންވެސްވަނީ 45 ޑިގްރީ ސެލްސިޔަސްއަށް މައްޗަށް ގޮސްފައެވެ. (ނޫސްއެޖެންސީތައް)