26 May 2015, 09:16
ވިހޭތަނުން ވަގަށް ނެގުމަށް ފަހު ވިއްކާލި ކުއްޖަކު 41 އަހަރަށް ފަހު އެކުއްޖާގެ އަސްލު މަންމައާ ބައްދަލުވެއްޖެ އެވެ. މަންމަ ދިރިއުޅެމުން ދިއައީ ޗިލީގަ އެވެ. ދަރިފުޅު ދިރިއުޅެމުން ދިއައީ އެމެރިކާގެ ވޮޝިންޓަނުގަ އެވެ.
އުމުރުން މިހާރު 61 އަހަރުގެ ނެލޭ ރޭސްގެ އުމުރުން 19 އަހަރުގައި ފިރިހެންކުއްޖަކު ވިހެ އެވެ. އެ ކުއްޖާއަށް މާބަނޑު ދުވަސްވަރު އެއްވެސް ކަހަލަ ސިއްހީ މައްސަލައެއް ދިމާނުވާ ކަމަށް ނެލޭ ރޭސް ސީއެންއެން އަށް ބުންޏެވެ. 1973 ގެ ނޮވެމްބަރު ފަނަރައިގައި ވިހޭ ދަރިފުޅާއި އެކު ރޭސްގެ ހިތް އުފަލުން ފޮޅުނެވެ. އެހެންނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި އުފާ ހިތާމައަށް ބަދަލުވިއެވެ. ނެލޭ ރޭސް ވިހޭ ހޮސްޕިޓަލުގެ ނަރުހަކު އައިސް ބުނީ ދަރިފުޅުގެ ހިތުގެ މައްސަލައެއް އެބަހުރި ކަމަށެވެ. އަދި ދުނިޔޭގައި އޮންނާނެ ކަމުގެ އުއްމީދު ކުޑަކަމަށެވެ.
"އޭގެ ދެތިންގަޑިއުރުފަހުން އެމީހުން ބުނީ ދަރިފުޅު މަރުވެއްޖޭ،" ރޭސް ސީއެންއެން އަށް ކިޔައިދިނެވެ.
ދަރިފުޅުގެ ހަށިގަނޑު ދައްކަން ތަކުރާރުކޮށް އެދުނުނަމަވެސް އެ ހޮސްޕިޓަލުން އެކަން ނުކުރެއެވެ. މި ކުއްޖާ ވަގަށް ނެގުމަށް ފަހު ވިއްކައިލީ ކަމަށް ބެލެވެއެވެ.

ޓޮލިވާ 41، އޭނާގެ އާޢިލާއާއެކު ---
ނެލޭ ރޭސްގެ ދަރިފުޅު، ޓްރާވިސް ޓޮލިވާ އެޑަޕްޓްކޮށްގެ ގެންގުޅެމުން އައީ އެމެރިކާގެ ވޮޝިންޓަނުގައި އުޅޭ އާއިލާއަކުން ނެވެ. ދަރިފުޅުގެ އަސްލު މަންމަ އާއި ބެހޭ މައުލޫމާތެއް އެމީހުންނަށް ލިބިފައެއް ނެތެވެ. ޓޮލިވާ 41 އ، ބުނީ އޭނާ އަކީ އެޑަޕްޓްކޮށްފައިވާ ކުއްޖެއްކަން އަބަދުވެސް އެނގޭ ކަމަށެވެ. އެހެންނަމަވެސް އޭނާ ތުއްތު އިރު ވިއްކާލި ކަމެއް އޭނާ އަކަށް ނޭނގެ އެވެ.
ސާޅީސް އެއް އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ޓޮލިވާ އޭނާގެ އަސްލު މަންމަ އާއި ބައްދަލުކުރުމަށް ޗިލީ އަށް އައެވެ. އެހެންނަމަވެސް އޭނާ މަންމަ ވާހަކަދައްކާ ބަސް ސްޕެނިޝް ނޭގޭތީ މަންމަ އާއި ވާހަކަދައްކާނެ ގޮތަކާއި މެދު ހާސްވިއެވެ.
އެއާޕޯޓަށް ބަލައިގޮސްހުރި މަންމަ ގައިގަ ބައްދާލިއެވެ. އެއީ ވިހެއުމަށް ފަހު މަންމަ އޭނާގެ ދަރިފުޅުގައިގައި ބައްދާލި ފުރަތަމަ ފަހަރެވެ. އުފާވެރި ކަރުނައިގެ ވަގުތުކޮޅެކެވެ. އެ ލޯބި ހާމަކުރަން މަންމައަށް ވެސް އަދި ދަރިފުޅަށް ވެސް ބަހުގެ ބޭނުމެއް ނެތެވެ. އިހްސާސްތައް ފުދެއެވެ.
" އަހަނަށްކުރެވޭ އިހްސާސް ވެސް ބުނަން ނޭނގޭ. އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން މިކަން ވެދާނެ ކަމަަކަށް،" އަސްލު މަންމަ އާއި ބައްދަލުވުމުން ޓޮލިވާ ބުންޏެވެ.
" އަހަރެން ކޮންމެ ދުވަހަކު ދަރިފުޅު ގައިގައި ބައްދާލަން. އަހަރެން އޭނަ ދެކެ ވަަރަށް ލޯބިވޭ،" ނެލޭ ރޭސް ބުންޏެވެ.
ނެލޭ ރޭސްގެ ހަ ކުދިން ތިބެއެވެ. ޓޮލިވާ މިހާރު ދަނީ އާއިލާގެ މެމްބަރުންނާއި ބައްދަލުކޮށް ގެތަކަށް ޒިޔާރަތްކުރަމުންނެވެ. އޭނާ ވިއްކާލި މައްސަލައިގެ ތަހްގީގު ކުރަން އޭނާ ވަނީ ޗިލީގެ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.
ނަވާރަސަތޭކަ ހަތްދިހަ އާއި ނަވާރަސަތޭކަ އައްޑިހަ އާއި ދޭތެރޭ ތުއްތު ކުދިން ވިއްކުމަކީ ޗިލީގައި ވަރަށް ބޮޑަށް ކުރި ވަގު ވިޔަފާރިއެކެވެ.
އަސްލު މަންމަ އާއި ބައްދަލުވިޔަސް އަހަރެެން އެޑަޕްޓްކުރި މަންމަ ދެކެ އަބަދުވެސް ލޯބިވާނެ ކަމަށާއި އިހްތިރާމް ކުރާނެ ކަަމަށް ޓޮލިވާ ބުންޏެވެ.