28 Feb 2011, 13:33
ކާލިން ކަޕް ފައިނަލުގައި ކުރިން ހީނުކުރާ ފަދަގޮތަކަށް ބާމިންހަމް އަތުން2-1 އިން އާސެނަލް ބަލިވެ ބަލިވެ ތައްޓެއް ހޯދުމަށް ކޯޗު އާސެން ވެންގާ ކުރި އުއްމީދުތައް ފެނަށް ވެއްޖެ އެވެ.
ވެންބްލީގައި ކުޅުނު މެޗުން ބަލިވުމުން ފާއިތުވެދިޔަ ފަސް އަހަރު ތައްޓެއް ނުލިބި އާސެނަލް ކުރަމުން އަންނަ ހިތާމަތައް ވަނީ އިތުރުވާން ފަށައިފަ އެވެ.
މެޗަށް ފަހު ކޯޗު ވެންގާ ބުނީ ޒުވާން ކުޅުންތެރިންނަށް މިސްޓޭކް ހެދޭނެ ކަމަށާއި އެހެން ނަމަވެސް ތަށި ނުލިބުމުގެ ސިލްސިލާއަށް ނިމުމެއް ނުގެނެވުމުން ހިތާމަކުރާ ކަމަށެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލީޑް ހޯދީ ވެސް ބާމިންހަމެވެ. ނިކޮލާ ޒިގިކް ލަނޑު ޖަހާފައިވަނިކޮށް އާސެނަލް އަށް އެއްވަރުކޮށްދިނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ރޮބިންވެންޕަސީ އެވެ. ނަމަވެސް ބަދަލު ކުޅުންތެރިޔާ އޮބެފޮމީ މާޓިންސް ދެ ވަނަ ފަހަރަށް ލީޑު ހޯދީ މެޗުގެ އެންމެ ފަހު ވަގުތުގަ އެވެ. މިއީ 1963 ވަނަ އަހަރުގެ ފަހުން ބާމިންހަމް ތައްޓެއްް ހޯދި ފުރަތަމަ ފަހަރެވެ.
މެޗުން ބަލިވުމުގެ އިތުރަށް ވެންގާ ކަންބޮޑުވެފައިވަނީ ވެންޕްސީގެ ކަކުލަށް އަނިޔާވެ ބަދަލު ކުރަން ޖެހުމުންނެވެ.
"މިހާރު ވެސް ފަބްރިގާސް އާއި ވޮލްކޮޓް ތިބީ އަނިޔާގައި. މި މެޗުގައި ވެންޕަސީ އަށް އަނިޔާވީ. އޭނާގެ އަނިޔާ ރަނގަޅަށް އެސެސް ކުރެވޭނީ މިއަދު. އަނިޔާގެ މައްސަލައަކީ ޓީމަށް ކުރިމަތިވާ ވަރަށް ބޮޑު ގެއްލުމެއް. އެއަށްވުރެ ބޮޑަށް އަހަރެން ދެރަމިވީ ތަށި ނުލިބުނީމަ،" ވެންގާ ބުންޏެވެ.
މި ސީޒަނުގައި އާސެނަލް އަށް އަދި ތިންތައްޓެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެއީ އެފް.އޭ.ކަޕާއި އިނގިރޭސި ލީގު އަދި ޗެމްޕިއަންސް ލީގެވެ.