25 May 2015, 22:37
އަވަށްޓެރި އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ން އިންޑިއާގެ ބޮޑެތި ސިނަމާތަކުގައި ކެމްޕޭނެއް ހިންގައިފި އެވެ. އެ ކެމްޕޭން ހިންގާފައި ވަނީ މި މަހު އަށަކުން އެކާވީހުގެ ނިޔަލަށެވެ.
ޕީވީއާރު ސިނަމާސްއާ ގުޅިގެން ހިންގި އެ ކެމްޕޭނުގާ އިންޑިއާގެ ބޮޑެތި ހުރިހާ ސިނާމާތަކެއްގައި ވަނީ ރާއްޖޭގެ އިސްތިހާރުދައްކާފަ އެވެ. އޭގެ ތެރޭގައި ނިއުދިއްލީ، މުމްބާއީ، ބެންގަލޯރު، ހައިދަރުއާބާދު، ޗެންނާއީ އަދި ކަލްކަތާގެ ސިނަމާތަކުގައި ވަނީ އިސްތިހާރުދައްކާފަ އެވެ.
މި ކެމްޕޭނުގެ ދަށުން މި ސިނަމާތަކުގައި ފިލްމެ އެޅުވުމުގެ ކުރިން ރާއްޖޭގެ އިސްތިހާރު ދެއްކި އެވެ. ހިންދީ ފިލްމް ޕިކޫ އަދި ބޮމްބޭ ވެލްވެޓް ފަދަ ފިލްމުތަކުގެ ޝޯވް ތަކުގައި ވެސް ވަނީ ރާއްޖޭގެ އިސްތިހާރު ދައްކާފަ އެވެ.
"މިއީ ރާއްޖޭގެ ލޯ ސީޒަން ނަމަވެސް އިންޑިއާ މީހުން އެއްމެ ގިނައިން ޓްރެވަލް ކުރާ ސީޒަންމީ. އެހެންވީމަ މިދުވަސްކޮޅު އިންޑިއާގަ ރާއްޖެ ޕްރޮމޯޓްވުމުން އަންނަ ފަތުރުވެރިން އިތުރުވެގެންދާނެ،" އެމްއެމްޕީއާރުސީގެ ޑެޕިއުޓީ ޑިރެކްޓާ އިބްރާހިމް އާސިމް ވިދާޅުވި އެވެ. ފާއިތުވި އަހަރު ރާއްޖެ އަށް ޒިޔާރަތްކޮށްފާވާ ފަތުރިވެރިންގެ 3.8 ޕަސެންޓަކީ އިންޑިއާ ފަތުރުވެރިންނެވެ. ފާއިތުވި އަހަރު އެ ގައުމުން ވަނީ 45،587 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. މިއީ 2013 ވަނަ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް 20 ޕަސެންޓްގެ ކުރިއެރުމެކެވެ. ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްޓަކައި އެމްއެމްޕީއާރުސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބައިނަލްއަގުވާމީ ގިނަ ފެއާތަކުގައި ރާއްޖެ ވަނީ ބައިވެރިވެފަ އެވެ. ސަރުކާރުން ކަނޑައަޅާފާ ވަނީ އަންނަ އަހަރަކީ ރާއްޖެ އަށް ޒިޔާރަތްކުރުމުގެ އަހަރުގެ ގޮތުގަ އެވެ. އަދި އަންނަ އަހަރު ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ވަނީ 10 މިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ)ގެ ބަޖެޓެއް ކަނޑައަޅާފަ އެވެ.