13 Apr 2010, 11:48
14:30
ހިއުމަން ރައިޓްސް ކޮމިޝަންގެ ޑިރެކްޓަރަކަށް ހުންނެވި އަންހެން ބޭފުޅެއް، ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ގެއްލުމުގެ ބަދަލުގެ ދިނުމަށް ޓްރައިބިއުނަލުން ނިންމާފައިވާ މައްސަލަ އިސްތިއުނާފް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ނިންމައިފި އެވެ.
ހައިކޯޓަށް ފޮނުވާފައިވާ ސިޓީއެއްގައި ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ބުނެފައި ވަނީ އެ ކޮމިޝަންގެ ޑިރެކްޓަރު، މެނޭޖްމަންޓް އެންޑް ފިނޭންސިންގެ މަގާމުގައި ހުންނެވި އާގިސާ މޫސާ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން ޓްރައިބިއުނަލުން އެ މައްސަލާގައި ނިންމާފައިވާ ނިންމުމުން އއިސްތިއުނާފް ކުރުމަށް އެކޮމިޝަނުން އެދޭ ކަމަށެވެ. ނަމަވެސް އެ މައްސަލަ ޓްރައިބިއުނަލުން ނިންމާފައިވާ ގޮތުގެ ރިޕޯޓް މިހާތަނަށް ލިބިފައިނުވާ ކަމަށާއި ރިޕޯޓް ލިބުނުހާ އަވަހަކަށް އެ މައްސަލަ އިސްތިޢުނާފަށް ހުށަހަޅާނެ ކަމަށް ވެސް ހިއުމަން ރައިޓް ކޮމިޝަންގެ އެ ސިޓީގައިވެ އެވެ.
އާގިސާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާ އަށް ފަސްދޮޅަސް ހާހަރަށްވުރެ ގިނަ ރުފިޔާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ހިއުމަން ރައިޓްސް ކޮމިޝަނަށް މިދިޔަ އާދީއްތަ ދުވަހު ވަނީ އަންގާފަ އެވެ. އަދި އާގިސާ އެޗްއާރުސީގެ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެޗްއާރުސީ އަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ވެސް ޓްރައިބިއުނަލްގެ އެ ނިންމުމުގައި ބުނެފައިވެ އެވެ.