25 May 2015, 15:16
ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމަނައިގެން ސަރުކާރާ އެކު މަޝްވަރާކުރުމަށް އެމްޑީޕީ އިން ހުށަހެޅި ނަމަވެސް އެކަމުގައި ރައީސް ނަޝީދު ބައިވެރި ކުރެވެން ނެތް ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބުރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީން ހުށަހެޅި ނަންފުޅުގެ ތެރޭގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމަނުއްވާފައި ވާތީ އެ ފުރުސަތު ދެވެން ނެތް ކަމަށެވެ.
އެމްޑީޕީ އިން އިއްޔެ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ސަރުކާރާ އެކު ކުރާ މަޝްވަރާގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ނަންފުޅުތައް ވަނީ ފާސްކޮށްފަ އެވެ. ނަޝީދުގެ އިތުރުން އެ ނަންފުޅުތަކުގައި ފުލުހުންގެ ހައްޔަރުގައި ހުންނެވުމަށް ފަހު އިއްޔެ ދޫކޮށްލި އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު އާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ހިމެނެ އެވެ.
މުއާޒު މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިދިކޮޅު ތިން ޕާޓީން ހުށަހަޅުއްވާފައިވާ ފަރާތްތަކަށް ގާނޫނީ ގޮތުންނާއި ސިއްހީ ގޮތުންނާއި ޖިސްމާނީގެ އިތުރުން އިދާރީ އެއްވެސް ހުރަހެއް ނެތް ނަމަ މަޝްވަރާއިގެން ސަރުކާރުން ކުރިއަށް ދާނެ ކަމަށެވެ.
މުއާޒު "ސަން" އަށް މިއަދު ވިދާޅުވީ ގާނޫނީ އެއްވެސް ހުރަހެއް ނެތް ފަރާތްތަކާ އެކު މަޝްވަރާއިގެން ކުރިއަށް ސަރުކާރުން ދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މަޝްވަރާގައި ބައިވެރިކުރައްވާނެ އިތުރު ނަންފުޅެއް ފޮނުއްވުމަކީ އެމްޑީޕީގެ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން [ސަރުކާރުން] ވާނީ މިހާރު އެބޭފުޅުންނަަށް [އެމްޑީޕީއަށް] ސިޓީއަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޝްވަރާގައި ބައިވެރި ކުރެވެން ނެތް ކަމަށް ވިދާޅުވެ ސިޓީއަކުން ހުށަހަޅާފައި،" މުއާޒު ވިދާޅުވި އެވެ.
އެމްޑީޕީން ހުށަހެޅި ނަންތަކުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ހިމަނުއްވާފަވާ އިރު އަދާލަތު ޕާޓީން ވެސް ވަނީ މަޝްވަރާގައި އެ ޕާޓީގެ ރައީސް އަދި މިވަގުތު ފުލުހުންގެ ބަންދުގައި ހުންނެވި ޝެއިހު އިމްރާން އަބްދުﷲގެ ނަންފުޅު ހުށަހަޅުއްވާފަ އެވެ.
އިމްރާންގެ އިތުރުން މަޝްވަރާތަކުގައި އަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވާ ބޭފުޅުންނަކީ އެ ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސައިނާއި ސެކްރެޓަރީ ޖެނެރަލް މުހައްމަދު އިޔާދު ހަމީދާއި އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުހައްމަދު ދީދީ އާއި ދިރާސާކުރުމާ ބެހޭ ކޮމެޓީގެ ރައީސާ ޝިދާތާ ޝަރީފު އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްވި ދައުވަތު ގަބޫލުކުރައްވައި ޖުމްހޫރީ ޕާޓީން ވެސް ވަނީ އެ ޕާޓީ އިން މަޝްވަރާތަކުގައި ބައިވެރިވާނެ ބޭފުޅުން ކަނޑައަޅައި އެކަން ސިޓީއަކުން ސަރުކާރަށް އަންގާފަ އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި ނައިބު ލީޑަރު އަދި ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އާއި މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދެވެ.