ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ހިނގާ ގޮސްފައި ވަނީ ހިނި އަންނަ ގޮތަކަށް ކަމަށާއި އެހެން ކަމުން އެ ވާހަކަ ދައްކާ އިރު ހިނި އައުމަކީ ތަބީއީ ކަމެއް ކަމަށް ނަޝީދުގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ނަޝީދުގެ ވަކީލުން ގާނޫނީ މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އަރިހަށް ކުރައްވާ ޒިޔާރަތްތަކުގައި ކުރައްވާ މަސައްކަތަކީ ހީ ސަމާސާކޮށް އެމަނިކުފާނު މުނިފޫހިފިލުވުން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ވަކީލު ހަސަން ލަތީފަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އުމަރު ނަސީރަށް އެޑްރެސްކުރައްވައި ހަސަން ލަތީފު މިއަދު ފޮނުއްވި ސިޓީގައި ބުނެފައި ވަނީ 13 އަހަރަށް ޖަލަށް ލުމަށް ނަޝީދުގެ މައްޗަށް ހުކުމް ކުރި މައްސަލާގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން އަމަލުކޮށްފައިވާ ގޮތާއި އެ މައްސަލައިގެ ކަންކަން ހިނގާފައިވާ ގޮތާއި މައްސަލައިގެ ޒާތަށް ބަލާ އިރު އެއީ ހިނި އަންނަ ފަދަ ކަންކަން ކަމަށެވެ.

"އެހެންކަމުން އެ މައްސަލައާ ގުޅޭ ވާހަކަތައް ދައްކާ އިރު ބައެއް ވަގުތުތަކުގައި ހިނިއައުމަކީ ތަބީއީ ކަމެއް،" ވަކީލުންގެ ފަރާތުން މިނިސްޓަރު އުމަރަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުން ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމުގެ ފުރުސަތު އަދިވެސް ލިބިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުންނާއި ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދާތީ އެ ފުރުސަތާ މެދު ގޮތެއް ނިންމުމަށް އެ ބައްދަލުުވުންތަކުގައި ނަޝީދާ އެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ރައީސް ނަޝީދުއާ ބައްދަލުކުރުމަށް ލިބޭ ފުރުސަތުތައް އޭގެ އެންމެ އެދެވޭ ގޮތުގައި ހިއްޕެވުމަށް އުމަރު ވަނީ ވަކީލުންނަށް އިލްތިމާސްކުރައްވައިފަ އެވެ.