ހަ ބައްދަލުވުމުން ވެސް ޅ. އަތޮޅު ކައުންސިލްގެ ރައީސް ނުހޮވުނު މައްސަލައަށް ހައްލެއް ހޯދުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް ހުށަހަޅައިފި އެވެ.

ޅ. އަތޮޅު ކައުންސިލްހައި ހިމެނިވަޑައިގަންނަވާ ކައުންސިލަރަކު ސަންއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ކައުންސިލަރުން ހުވައި ކުރެއްވުމަށް ފަހު މިއަދާ ހަމައަށް ބޭއްވި ބައްދަލުވުންތަކުގައި ވެސް ކައުންސިލްގެ ރައީސަކު ހޮވިފައި ނުވަނީ، ވޯޓު އެއްވަރުވެގެން ކަމަށެވެ.

"ކައުންސިލްގެ ރައީސަކު ހޮވުމަށް އެކި ގޮތްގޮތުން ކުރި މަސައްކަތްތަކުން ވެސް މިހާތަނަށް ވަނީ ކާމިޔާބެއް ނުލިބިފައި. މިހާރު މުޅިއެކު ހަ ބައްދަލުވުމެއް ބާއްވައިފިން. އެތައް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިން ނަމަވެސް މި މައްސަލައަށް ހައްލެއް ނުލިބުނު. އަދި މިހެން ވެއްޖެ ނަމަ ދެން ހަނދާނެ ގޮތެއް ގާނޫނަކުން ނެތް އެހެންކަމުން މައްސަލައަށް ގޮތެއް ހޯދުމަށް، ލަފައަކަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީގައި ވާނީ އެދިފައި" ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލަފައަކަށް އެދި އޮތޯރިޓީ އަށް އިއްޔެ ހަވީރު ހުށަހެޅި ނަމަވެސް މިއަދުގެ މިހާތަނަށް އަދި އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

ހަ މެންބަރުން ހިމެނިވަޑައިގަންނަވާ ޅ. އަތޮޅު ކައުންސިލަށް ހޮވިވަޑައިގެންފައި ވަނީ، އެމްޑީޕީގެ ތިން މެންބަރުންނާއި ޑީއާރުޕީގެ ދެ މެންބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވަނީ، ޅ. ނައިފަރު ދާއިރާ އިން ހޮވިވަޑައިގެންނެވި، ޑީއާރުޕީގެ ދެ މެންބަރުންގެ ތެރެއިން ރިލުވާނު އަލީ އާއި ކުރެންދޫ ދާއިރާ އިން ހޮވިވަޑައިގެންނެވި އެމްޑީޕީގެ މެންބަރު އިބުރާހިމް މުހައްމަދު އެވެ.