28 Feb 2011, 11:56
ވޭތުވެދިޔަ 100 އެއްހާ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުން މަސައްކަތް ކުރައްވާފައިވަނީ ދާދިފަހުން ރައްޔިތުން ނުކުމެ ވެރިކަން ވައްޓާލި މިސްރު ނަމޫނާއަކަށް ބަލައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
http://www.youtube.com/watch?v=DCN_0NMwX-U
އިންޑިއާގެ ޓީވީ ޗެނަލް އެންޑީޓީވީގެ، "ވޯކްދަޓޯކް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫނުގެ އިތުރުން ރާއްޖޭގައި ވެރިކަން ކުރެއްވެވި ގިނަ ބޭފުޅުންނަކީ މިސްރުން ތައުލީމު ހާސިލް ކުރެއްވި ބޭފުޅުން ކަމަށާއި ވޭތުވެ ދިޔަ 100 އެއްހާ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ވެރިން ވެރިކަން ކުރައްވާފައިވަނީ ނަމޫނާއަކަށް މިސްރު ބަލައިގެން ކަމަށެވެ.
"މިވީ 100 ކައެއްހާ އަހަރު ދުވަހު ތެރޭގައި ރާއްޖޭގެ ވެރިންކަން ކުރެއްވި ބޭފުޅުން މަސައްކަތް ކުރައްވާފައިވަނީ މިސްރު ނަމޫނާއަކަށް ބަލައިގެން. ގައްޔޫމުގެ އިތުރުން، ކުރިން ވެރިކަން ކުރެއްވި ބައެއް ބޭފުޅުންނަކީވެސް މިސްރުން ކިޔަވާ ވިދާޅުވި ބޭފުޅުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނިމިގެންދިޔަ އަހަރުގައި ރާއްޖެއިން އިޤްތިޞާދީ ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހި ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެމުންދަނީ، އިޖްތިމާއީ ރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަމާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރަސީއަކީ އިސްލާމް ދީނާ ބީރައްޓެހި އެއްޗެއް ނޫންކަމަށާއި، މުސްލިމް ގައުމެއްގެ ގޮތުގައި އޮވެ ދިވެހި ރާއްޖެއިން ކާމިޔާބިކަމާއެކު ޑިމޮކްރެޓިކް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
ރައީސް ނަޝީދަކީ އިހުލާސްތެރި މުސްލިމެއްތޯ ސުވާލުދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ: "އަހަރެން އިސްލާމް ދީނަށް އަމަލުކުރަން. އެހެންނަމަވެސް އެކަމުގެ ސަބަބުން އަހަރެން އަމިއްލަ ހިޔާލާއި އުޅޭ ގޮތާއި އަދި ދޭދޭ މީހުންނާއި އެކު ބާއްވާ ގުޅުން ތައް ކޮންމެހެން ހަނިވެގެން ދާކަށް ނުޖެހޭ،" ކަމަށެވެ.
ސައްތައިން ސައްތަ އިސްލާމް ގައުމަކަށްވެ އޮވެ ރާއްޖޭގެ ގޮނޑުދޮއްތައް ޓޫރިސްޓުންނަށް ހުޅުވާލައިގެން ވިޔަފާރި ކުރަމުން ގެންދަނީ ކީއްވެގެންތޯ ސުވާލުދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ކޮންމެވެސް ޒަމާނެއްގައި ސޫފީ އިސްލާމް ޕްރެކްޓިސްކޮށްފައިވާ ބަޔަކަށް ވުމުން ދިވެހިން މެދުމިނުގެ ގަބޫލުކުރުންތަކެއް ގަބޫލުކުރާ ކަމަށެވެ.
"ކުރީގައި ދިވެހިންނަކީ ސޫފީ އިސްލާމް ޕްރެކްޓިސްކޮށްފައިވާ ބަޔެއް. އެހެންވެ އަހަރުމެންގެ ވަރަށް މެދުމިނުގެ ހިޔާލުތަކެއް މި ހުންނަނީ. ހަތްދިހައިގެ އަހަރުތަކުގައި ވައްހާބީޒަމް އަންނަން މިފެށީ. މިސްރުގައި އުޅުއްވާފައި އައުމަށްފަހު ހަތް ދިހައިގެ އަހަރު ތަކުގެ ފަހުކޮޅު ގައްޔޫމް ވެސް ވެރިކަމަށް ވަޑައިގަތީ،"ރައީސް ނަޝީދު ވިދާޅުވި އެވެ.
މި ހާރު މެދުއިރުމަތީގެ ގައުމުތަކުގައި ހިންގަމުން ގެންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ އެއީ ހުދުމުހުތާރު ވެރިން، ވެރިކަމުން ބާލައި ޑިމޮކްރަސީ ގާއިމް ކުރުމަށްޓަކާ ހިންގަމުންގެންދާ ހަރަކާތްތަކެއް ކަމަށާއި ޑިމޮކްރަސީގެ މަގުގައި ހިންގާ އެފަދަ ހަރަކާތްތަކަށް ރާއްޖެއިން އަބަދުވެސް ހިއްވަރުދީ ތާއީދު ކުރާ ކަމަށެވެ.
"އެމީހުން ބޭނުންވަނީ ސިޔާސީ ޕާޓީތަކެއް. އަހަރުމެން އަބަދުވެސް ސަޕޯޓް ކުރާނަން ކޮންމެ ގައުމެއްކަމުގައިވިޔަސް އެ ގައުމުގެ ރައްޔިތުން މިނިވަންވާން ބޭނުންވަންޏާ. ކޮންމެ ގައުމެއްގެވެސް ތަރައްގީ އަށްޓަކާ ވަރަށް މުހިންމު ކަމެއް އެއީ ވަރުގަދަ ސިޔާސީ ޕާޓީ ތަކާއި މިނިވަން އަދި އިންސާފުވެރި އިންތިހާބުތަކެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މިހާރު ލީބިޔާގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ ލީބިޔާގައި ކުރިއަށްދާ ލޭ އޮހޮރުވުންތައް ހުއްޓުވައި، އެ ޤައުމުގެ ރައްޔިތުން ހިމާޔަތްކުރުމަށް، އދ ގެ ފައުޖުތަކުން ލީބިޔާގައި ސުލްހަ ބެލެހެއްޓުމަށް ފަށަންވެއްޖެ ކަމަށާއި ކޮންމެ ގައުމަކުންވެސް ވިސްނަންވީ އެގައުމުގެ ރައްޔިތުންނަށް އެކަނި ނޫންކަމަށެވެ.
"އެއީ އަހަރުމެންގެ މަސްއޫލިއްޔަތެއް ކޮންމެ ދުވަހެއް ނިމިގެން ދާއިރު މީޑިޔާގެ ފަލަ ސުރުހީތަކުގައި 500،000 މީހަކު ލީބިޔާގައި ބޮންއެޅުމުގެ ސަބަބުން މަރުވި ވާހަކަ ނުލިޔެވާނެ ގޮތެއް ހެދުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މެދުއިރުމަތީގެ މައްސަލަތައް ހައްލުކުރެވޭނީ ފުރިހަމަ ޑިމޮކްރަޓިކް ގައުމުތަކަކަށް ކަމަށާއި ދީނުގެ ނަމުގައި އޮޅުވާލައިގެން ހިންގަމުންގެންދާ ހުދުމުހުތާރު ވެރިންނަށް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"މިހާރު އިސްރާއިލާއި އެކު ވަރަށް ގިނަ ގުޅުންތައް އެބަ ބޭއްވެ. އެކަމުގައި ރައްޔިތުންގެ އެއްވެސް މައްސަލައެއް ނެތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.