25 May 2015, 10:53
"ޕްރެކްޓިސަސް ފޯ އިފެކްޓިވް ލޯކަލް ކައުންސިލް މެނޭޖްމަންޓް ޕްރޮގްރާމް"ގެ ނަމުގައި ކައުންސިލްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ލޯކަލް ގަވަމަންޓް އޮތޯރިޓީން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޚާއްސަ ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބެޗްގެ ތަމްރީނުތައް އިއްޔެ ފަށައިފިއެވެ.
އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމް ފައްޓަވައިދެއްވީ، އެ އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފެވެ.
ފުރިހަމަގޮތެއްގައި ކައުންސިލްތައް ހިންގުމަށްޓަކައި އެތަނުގެ މުވައްޒަފުންނަށް ބޭނުންވާނޭ ތަމްރީނުތައް ދިނުމަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމް ފައްޓަވައި ދެއްވަމުން ޝަރީފް ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމަކީ ކައުންސިލްތަކުގެ މުވައްޒަފުންނަށް ގިނަ ތަޖްރިބާތަކެއް ހާސިލްކުރެވި، އަދި އެ މުވައްޒަފުންގެ ހުނަރު ތަރައްގީކުރަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްކަން ފާހަގަކުރެއްވި އެވެ.

ޕްރެކްޓިސަސް ފޯ އިފެކްޓިވް ލޯކަލް ކައުންސިލް މެނޭޖްމަންޓް ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެލްޖީއޭ
މިއަހަރުގެ ތެރޭގައި ކައުންސިލްތަކުގެ އޮނިގަނޑަށް ބަދަލުއައިސް، ކައުންސިލްތަކުގެ މުވައްޒަފުންނަކީ މަލްޓިޓާސްކް ބަޔަކަށް ވެގެންދިއުމުގެ ފުރުސަތު ބޮޑުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސްޓާފް އެކްސްޗޭންޖް ޕްރޮގްރާމެއްގެ ގޮތުގައި ކުރިއަށް ގެންދާ ތަމްރީނުތަކުގެ ފުރަތަމަ ބެޗުގައި ހަ ކައުންސިލެއްގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން ޕްރޮގްރާމުގެ ހުރިހާ ބައިވެރިން ވެސް މަސައްކަތްކުރާނީ އެލްޖީއޭގައި ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.
އެލްޖީއޭއިން ބުނީ، އެ ޕްރޮގްރާމުގެ ބައިވެރީންނަށް ދެވޭ ތަމްރީނުތަކުގެ ތެރޭގައި، ޕްރޮޖެކްޓްސް އެންޑް ޕްލޭނިން، މޮނިޓަރިން އެންޑް އިންވެސްޓިގޭޝަން، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސް އަދި ޖެނެރަލް އެޑްނިނިސްޓްރޭޝަނާއި ފައިނޭންސް އަދި ލޯކަލް ގަވަނަންސް ހިމެނޭ ކަމަށެވެ.